ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން އިއްޔެ ބޭއްވި ޚާއްޞަ ހިނގާލުމެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ދިވެހިރާއްޖޭގެ ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ހިނގާލުން ފަށާފައިވަނީ، އަމީނިއްޔާ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތަކަށް ފަހުގައެވެ.
މި ހިނގާލުން ވަނީ މާލެއާއި ހުޅުމާލޭގައި ކުރިއަށް ގެންގޮސްފައެވެ. އިއްޔެ 16:00 އިން 17:30 އަށް ކުރިއަށް ދިޔަ މި ހިނގާލުމުގައި މާލޭގެ ހިނގާލުން ބާއްވާފައި ވަނީ އަމީނިއްޔާ ސްކޫލުން ސޯސަލް ސެންޓަރަށެވެ. ހުޅުމާލޭ ހިނގާލުން ބާއްވާފައި ވަނީ ހުޅުމާލޭ ސިންތަޓިކް ޓްރެކްގައެވެ.
މި ހިނގާލުން ފެށުމަށް އަމީނިއްޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ ވަނީ، ދިވެހި އެންމެހައި އަންހެންކުދިންނަށް ވަރަށް މުހިންމު އިލްތިމާސެއް ކުރައްވާފައެވެ. އެކަމަނާ އިލްތިމާސްކުރެއްވީ، ކެރިތިބެ ކަންކަމާ ކުރިމަތިލައި، ކަންކަމުގައި އަޑުއުފުލައި، އެހެންމީހުން ލީޑުކުރުމުގައި ނަމޫނާ ބަޔަކަށްވުމަށް ޢަޒުމު ކަނޑައެޅުމަށެވެ.
މީގެ އިތުރުން، ޤައުމަށް ދިމާވާ ކޮންމެ ކާރިސާއެއްގައި އެންމެ އިސް ސަފުގައި ފެންނަ އެއް ބަޔަކީ ގަރލްގައިޑުންކަން ފާހަގަކުރައްވައި، ހިނގާލުމުގައި ބައިވެރިވި ދަރިވަރުން މިއަދު އެ ދައްކާ ލީޑަރޝިޕް، ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައިވެސް ދެއްކުމަށް އެކަމަނާ ވަނީ ހިތްވަރުދެއްވާފައެވެ.
މި ހިނގާލުމުގައި، ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ގަރލްގައިޑް ހަރަކާތުގެ އެކި ޢުމުރުފުރާތައް ކަމުގައިވާ ސްޓާ، ލިޓްލް މެއިޑް އަދި ގަރލް ގައިޑްގެ ދަރިވަރުންނާއި، ޔަންގް ލީޑަރުންނާއި ލީޑަރުން ބައިވެރިވިއެވެ. އަދި މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުގެ އެހާރާއި މިހާރުގެ ކޮމިޝަނަރުންނާއި އިސް އޮފިޝަލުންވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ބައިނަލްއަޤުވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމުގެ މި ހަރަކާތަކީ، އަންހެންކުދިން ބާރުވެރިކުރުވުމާއި، ލީޑަރޝިޕްގެ ރޫޙު އާލާކުރުމަށް ގަރލް ގައިޑްސް އެސޯސިއޭޝަނުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ހަރަކާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!