އިސްރާއީލުން ޣައްޒާއަށް ކުރިމަތިކުރުވާފައިވާ ދިގުދެމިގެންވާ ލާއިންސާނީ ހާލަތުގެ ސަބަބުން ޣައްޒާގައި ނަފްސާނީ ފަރުވާ ބޭނުންވާ މީހުންގެ އަދަދު އެއް މިލިއަނަށްވުރެ އިތުރުކަމަށް އދ. އިން ބުނެފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި އދ. ގެ ކުޑަކުދިންގެ ޖަމްޢިއްޔާ (ޔުނިސެފް) އިން ނެރެފައިވާ ރިޕޯޓުތަކަށް ބަލާއިރު، ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ދިމާވާ ނަފްސާނީ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ހާމަވެއެވެ.

Ad
rt

ޑަބްލިއު.އެޗް.އޯ އިން ހާމަކުރި ގޮތުގައި، ޣައްޒާގައި ދެ އަހަރު ދުވަހުގެ ހަނގުރާމައިގެ ސަބަބުން ނަފްސާނީ ފަރުވާ ބޭނުންވާ މީހުންގެ އަދަދު ދެގުނައަށްވުރެ އިތުރުވެފައިވެއެވެ. މީގެކުރިން ގާތްގަނޑަކަށް 485,000 މީހުންނަށް މި ފަރުވާ ބޭނުންވި ނަމަވެސް، މިހާރު އެއް މިލިއަނަށްވުރެ ގިނަ މީހުންނަށް މި ފަރުވާ ބޭނުންވެފައިވާކަމަށް ޑަބްލިއު.އެޗް.އޯ އިން ބުނެއެވެ.

މީގެ އިތުރުން އދ. ގެ ކުޑަކުދިންގެ ޖަމްޢިއްޔާ، ޔުނިސެފް އިން ލަފާކުރި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާއަށް ހަނގުރާމަ އިޢުލާނުކުރުމުގެ ކުރިން، ގާތްގަނޑަކަށް 500,000 ކުޑަކުދިންނަށް ނަފްސާނީ އަދި ނަފްސާނީ-އިޖްތިމާޢީ އެހީތެރިކަން ބޭނުންވެއެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު، ޣައްޒާގެ ހުރިހާ ކުޑަކުދިންނަށްހެން މި އެހީތެރިކަން ބޭނުންވެފައިވާކަމަށް ޔުނިސެފް އިން ބުނެއެވެ.

މިނުރައްކާތެރި ހާލަތުގެ ސަބަބުން ކުޑަކުދިންގެ މުސްތަޤުބަލަށް ކުރާނެ ނޭދެވޭ އަސަރުތަކާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢު އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ޣައްޒާގެ ސިއްޙީ ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުން ކަމަށް އދ. ގެ އެކި ޖަމްޢިއްޔާތަކުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގެ ތެރެއިން އޮކްޓޯބަރު 2023 ގެ ފަހުން ދިން ހަމަލާތަކުގައި މުޅި ޣައްޒާ ވަނީ ފުނޑުފުނޑުކޮށް ބިމާ ހަމަކޮށްލާފައެވެ. މި ހަނގުރާމާގައި ޣައްޒާގެ މުޅި ސިއްހީ ނިޒާމް ވެސް ފުނޑުފުނޑުކޮށްލާފައިވާއިރު، ކާނާ އާއި އަސާސީ ބޭނުންތަކުން އެރަށުގެ ރައްޔިތުން މަހްރޫމްކޮށް ގެދޮރު ދޫކޮށްދާން މަޖުބޫރުކޮށް އިސްރާއީލުގެ އަނިޔާ އަންނަނީ ޣައްޒާގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ދެމުންނެވެ.

މި ހަނގުރާމާގައި ޣައްޒާގެ 68،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، 170،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި އެތައް ބަޔަކު އިމާރާތްތަކުގެ ދަށުގައިވުމުން ޝަހީދުވި މީހުންނާއި، އަނިޔާ ލިބުނު މީހުންގެ އަދަދު މުޅިން ސާފެއްނުވެއެވެ.