ލ. ކައްދޫ އެއާޕޯޓް، ބައިނަލްއަޤްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ގިނަވެގެން ތިން އަހަރުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މުޢިއްޒު މި ޔަޤީންކަން ދެއްވާފައިވަނީ ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރާ ކައްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މިހާރު ކައްދޫގައި ހުރި އެމް.އެން.ޑީ.އެފްގެ މަރުކަޒު ބަދަލުކުރަން ނުޖެހޭ ގޮތަށް ކަމަށެވެ.

ރައީސް މުޢިއްޒު ވަނީ ކައްދޫ އެއާޕޯޓަކީ އެ ސަރަހައްދުގެ ތަރައްޤީއަށް ވަރަށް މުހިންމު މަޝްރޫޢެއްކަން ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް ފަތުރުވެރިކަމާއި، ތަޢުލީމީ ދާއިރާއަށް އަދި މުޅި ސަރަހައްދުގެ ތަރައްޤީއަށް މި އެއާޕޯޓުން ލިބިގެންދާނެ ކުރިއެރުން ފާހަގަކުރެއްވިއެވެ.

ފޮނަދޫގައި ކުރިއަށް ގެންދަވާ އެހެނިހެން މަޝްރޫޢުތަކާއެކު، ކައްދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ އެ ސަރަހައްދުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއްކަން ރައީސް މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

ކައްދޫ ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރަށް ފެށި މަޝްރޫޢުގައި ރަންވޭ ހެދުމުގެ މަސައްކަތް ފެށީ 1982 ވަނަ އަހަރު އެވެ. އަދި ރަންވޭގެ މަސައްކަތް ނިމުނީ ނިމުނީ 1986 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.

ކައްދޫ އެއާޕޯޓްގެ އޮޕަރޭޝަން ފަށާފައި ވަނީ 10 ޑިސެމްބަރު 1986 ގައެވެ. މި އެއާޕޯޓު ތަރައްގީގެ މަސައްކަތް ފަށާފައި ވަނީ 1982 ވަނަ އަހަރުއެވެ.