ޣާއްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިލާ އާއެކު އިތުރު 9 އުޅަނދު މިހާރު ދަތުރު ފަށާފައިވާ ކަމަށް ފްލޮޓިލާ އިންތިޒާމްކުރާ ފަރާތުން މިއަދު ހާމަކޮށްފިއެވެ.

ފްލޮޓިލާގެ ފަރާތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ އިޒްރޭލުން ގިނަ އަހަރުތަކެއް ވަންދެން ޤާނޫނާ ޚިލާފަށް ޣާއްޒާގައި ކުރަމުންދާ ހިޞާރު ނިމުމަކަށް ގެނައުން ކަމަށެވެ. އަދި މި މިޝަނަކީ ހަމައެކަނި އިންސާނީ އެހީގެ މަޤްޞަދުގައި ކުރިއަށްގެންދާ މިޝަނެއް ކަމަށް އެފަރާތުން ފާހަގަކޮށްފައިވެއެވެ.

Ad
rt

"ގްލޯބަލް ސުމޫދު ފްލޮޓިލާ ދަތުރުކުރަނީ ހަމައެކަނި އެއް މަޤްޞަދެއްގައި، އެއީ ކާނާއާއި، ކުޑަކުދިންގެ ކިރާއި، ފުރާނަ ސަލާމަތްކުރާ ބޭސް ފަލަސްޠީނަށް ފޯރުކޮށްދިނުމަށް،" ފްލޮޓިލާގެ ފަރާތުން ބުނެފައިވެއެވެ.

މި ސުލްހަވެރި މިޝަނުގައި އެއްވެސް ހަތިޔާރެއް ނުވަތަ އަނިޔާވެރި މަޤްޞަދެއް ނެތްކަމަށް ފްލޮޓިލާގެ ފަރާތުން ބުނެފައިވީ ނަމަވެސް، މި މިޝަނަށް ހަމަލާދެވެމުންދާކަން ފާހަގަކޮށްފައިވެއެވެ. އަދި އިޒްރޭލުގެ އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތައް ދުނިޔެއަށް ހާމަވާންޖެހޭ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

މި މިޝަނަކީ ޣައްޒާގެ ރައްޔިތުންނަށް އުއްމީދެއްގެ ގޮތުގައި ކުރިއަށްގެންދާ މިޝަނެއްކަން ފާހަގަކޮށް، އިންސާނިއްޔަތަށްޓަކައި މި މަސައްކަތް ކުރިއަށްގެންދާނެކަން ފްލޮޓިލާގެ ފަރާތުން ހާމަކޮށްފައިވެއެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާގެ ތަފްސީލު: ސައިވެފައިވާ ޒަޔަނިސްޓުންގެ ޖައްބާރުކަން ފޫއަޅުވާލާނެ ގާފިލާއެއް

ޖީ.އެސް.އެފް (ގްލޯބަލް ސުމޫދު ފްލޮޓިލާ)ގެ ފުރަތަމަ ރާޅުގައި 44 އުޅަނދެއް ބައިވެރިވިއެވެ. ބައިނަލްއަގްވާމީ ޤާނޫނަށް ގޮންޖަހައި، އެ ހުރިހާ އުޅަނދެއް ހުއްޓުވައި އިސްރާއީލްގެ ބާރުގެ ދަށަށް ގެންގޮސްފައިވާކަމަށް އިސްރާއީލުން ވަނީ ބުނެފަވެއެވެ. ނަމަވެސް ފްލޮޓިލާ އިންތިޒާމްކުރާ ފަރާތުން ރޭ ބުނެފައި ވަނީ އެ ފްލޮޓިލާގެ އެއް އުޅަނދު އަދިވެސް ޣައްޒާ އާއި ދިމާއަށް ދަތުރުކުރަމުންދާ ކަމަށެވެ. އިސްރާއީލްގެ އަތްދަށުނުވެ ދަތުރުކުރަމުންދާ ހަމައެކަނި އުޅަނދަކީ "މެރިނެޓް" އެވެ. ނަމަވެސް އެ އުޅަނދަށް ކޮންމެ ވަގުތަކުވެސް އިސްރާއީލުން ހުރަސްއެޅުން އެކަށީގެންވެއެވެ. ފްލޮޓިލާގެ ފުރަތަމަ ރާޅުގައި 44 އުޅަނދެއް ބައިވެރިވިއެވެ.