"ތަމްވީލް ވެލިއުސް އެންޑް ވިޝަން އާޓް ޝޯކޭސް" ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިޢުލާނުކޮށްފިއެވެ.

މި މުބާރާތަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ގްރޭޑް 5 އިން 9 އަށް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.

Ad
rt

މި މުބާރާތުގެ މައިގަނޑު މަޤްސަދަކީ ކުރެހުމުގެ ޒަރީއާއިން މާލީ ދާއިރާ އޮންނާނެގޮތުގެ ތަސައްވަރު ދައްކާލުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދިނުމެވެ. އަދި މީގެ އިތުރުން، ދަރިވަރުންގެ އައު ޚިޔާލުތަކާއި އިޖާދީ ވިސްނުންތައް ދެނެގަނެ، އެ ދަރިވަރުންގެ ހުނަރުތައް ޢާއްމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

މުބާރާތް ބެހިގެންވަނީ ދެ ގިންތިއަކަށެވެ. އެއީ ގްރޭޑް 5-7 އާއި ގްރޭޑް 8-9 އެވެ. ބައިވެރިންނަށް އެކި ބާވަތްތަކުގެ އަތު ކުރެހުމާއި ޑިޖިޓަލް ކުރެހުންތައް ނުވަތަ މިކްސް މީޑިއާގެ ބޭނުންކޮށްގެން މަސައްކަތް ހުށަހެޅިދާނެއެވެ. މުބާރާތުގެ ވަނަތަކަށް 3،000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމު ލިބޭނެއެވެ. އަދި އިސްލާމީ ފައިނޭންސް އިން ދާއިރާއަށް ޚާއްސަވާ އެންމެ ރަނގަޅު މަސައްކަތަށް 500 ރުފިޔާގެ ޚާއްޞަ އިނާމެއް ކަނޑައަޅާފައިވެއެވެ.

މުބާރާތުގެ ސުންގަޑިއަކީ 9 އޮކްޓޯބަރު 2025 ވާ ދުވަހުގެ މެންދުރު ފަހު 3:00 އެވެ. އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި ހުށަހަޅާ މަސައްކަތްތަކަކީ އަމިއްލަ އުފެއްދުންތަކަށް ވާންޖެހޭނެއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ ނުވަތަ ކޮޕީކޮށްފައިވާ އެއްޗެއް ކަމުގައި ނުވުން ލާޒިމެވެ.

މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު އެމްއެމްއޭގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ މަންސަތަކުން ލިބެން ހުންނާނެކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.