ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްގެ މުވައްޒަފުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންނާ ބައްދަލުކޮށް، އެ ދުވަސް ފާހަގަކޮށްފިއެވެ.
އުރީދޫން މައުލޫމާތު ދިން ގޮތުގައި، އެ ކުންފުނީގެ މުވައްޒަފުން ވަނީ އެއާޕޯޓުގައި ފަތުރުވެރިންގެ ގާތަށް ގޮސް މަރުހަބާ ކިޔައި، މި ދުވަހުގެ މުނާސަބަތުގައި ހަދިޔާ ދީފައެވެ. މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ދިވެހިންގެ ހިތްހެޔޮކަމާއި އޯގާތެރިކަން ފަތުރުވެރިންނަށް ދައްކުވައިދިނުން ކަމަށް އުރީދޫން ފާހަގަކުރިއެވެ.
އުރީދޫން ވަނީ ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ ކާމިޔާބީގެ 'ހިތް' ކަމުގައި ސިފަކޮށް، މި ދާއިރާ މިހާ ކުރިއަރުވައި ތަރައްޤީކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރަން ޖެހޭކަން ފާހަގަކޮށްފައެވެ. އަދި މި ހަރަކާތަށް ފަތުރުވެރިންގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ލިބުނު ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
From traditional dresses to thoughtful surprises , we added a touch of Maldivian charm to every traveler’s journey this #WorldTourismDay at Velana International Airport. #OoredooCares pic.twitter.com/DEJvubLQyS
— Ooredoo Maldives (@OoredooMaldives) September 27, 2025
ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދުވަހަކީ 1970 ވަނަ އަހަރުގެ ސެޕްޓެމްބަރު 27 ވަނަ ދުވަހުން ފެށިގެން ފާހަގަކުރަން ފެށި ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދަކީ ފަތުރުވެރިކަމުގެ ސަބަބުން އިޖުތިމާއީ، ސަގާފީ، ސިޔާސީ އަދި އިގްތިސާދީ ގޮތުން ކުރާނެ ފައިދާތަކާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމެވެ.
ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރާ 55 ވަނަ އަހަރުގެ ޝިއާރަކީ "ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ބަދަލު" އެވެ. މި ޝިއާރުގެ ދަށުން ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރިއެރުވުމަށް އަމާޒު ހިފާފައިވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!