ފެލިދެއަތޮޅު ފެލިދޫގައި އައި.ޑީ ކާޑުގެ ޚިދުމަތް ޤާއިމުކުރެވުމާއެކު، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް މިހާރުވަނީ ޤާއިމުކުރެވިފައިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

މިކަން އެމަނިކުފާނު ހާމަކުރެއްވީ ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފެލިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައެވެ.

Ad
rt

މި ޖަލްސާގައި ފެލިދޫގައި އައި.ޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ވަނީ ރަސްމީކޮށް އިފްތިތާޙުކުރުން އޮތެވެ. އެރަށުގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ.

މި ޚިދުމަތް ފެށިގެން ދިޔުމާއެކު އެކަމަށް އިޝާރާތްކުރައްވަމުން ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، މިއާއެކު ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒާ އެއްގޮތަށް، މިއަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އައި.ޑީ ކާޑުގެ ޚިދުމަތް ވަނީ ޤާއިމުކުރެވިފައެވެ.

"މި ސަރުކާރުގެ މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އަސާސީ ޚިދުމަތްތަކަށް މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެނައުން" ރައީސް ވިދާޅުވެފަވެއެވެ.

އޭ.ޓީ.އެމް ޤާއިމުކުރުމުގެ މަސައްކަތާ ގުޅޭގޮތުން މަލާމާތް ރައްދުވާގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާތީ އެކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، އަސާސީ ޚިދުމަތްތައް މަރުކަޒުވެފައި ހުރުމުން ރައްޔިތުން އުފުލަންޖެހުނު ތަކުލީފާއި، އެ ޚިދުމަތްތައް ލާމަރުކަޒުކުރުމުން ލިބޭ ލުއިފަސޭހަކަން އެނގިވަޑައިގަންނަވާކަމަށެވެ. އެހެންނަމަވެސް ރައްޔިތުންނަށް މިފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަޚުރެއްކަމަށް ރައީސް ވިދާޅުވިއެވެ.