ފަލަސްޠީނުގެ މައްސަލައަށް ސުލްހަވެރި ޙައްލެއް ހޯދުމަށް އެކުލަވާލާފައިވާ އދ. ގެ ''އެންޑޯސްމަންޓް އޮފް ދަ ނިއުޔޯކް ޑެކްލެރޭޝަން އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއިޝަން އޮފް ދަ ފަލަސްތީނު އެންޑް ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން'' ބަލައިގަތުމާއި، މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ނިންމި ނިންމުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީން އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ދެ ދައުލަތުގެ ހައްލައްގޮވާލައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް މިއަދު ވަނީ 142 މެމްބަރު ގައުމުގެ ވޯޓާއެކު ގަރާރެއް ފާސްކޮށްފައެވެ.

Ad
rt

މި ނިންމުމާއި ގުޅިގެން ރައީސް މުޢިއްޒުގެ ރަސްމީ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމްކުރުމަށް ދިވެހިރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ތަކުރާރުކުރައްވައި، މިފަދަ ކަންކަމަކީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރުމަށް ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމުގައި ވިދާޅުވެފައިވެއެވެ.

އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަކީ ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދާ ކަމެއްކަން ރައީސް ފާހަގަކުރަށްވާފަވެއެވެ.

ފަލަސްތީނުގެ ދައުލަތް އުފެއްދުމުގެ ގަރާރު 142 ގައުމުގެ ވޯޓުން ފާސްކޮށްފި

ދިވެހިރާއްޖެއިން ދަނީ މިނިވަން ދެދަޢުލަތެއް ޤާއިމްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްކޮށް، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، އަޑުއުފުލަމުންނެވެ.

މިއަދުގެ ގަރާރަށް ރާއްޖެއިން ތާއީދުކޮށް ވޯޓު ދީފައިވާއިރު، މި ގޮވާލުމުގެ ޤަރާރަށް ތާއީދުކޮށް 142 ޤައުމުން ވޯޓު ދިނެވެ. ނުފެންނަކަމަށް 10 ޤައުމުން ވޯޓު ދީފައިވާއިރު، އަދި 12 ޤައުމުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

ގަލްފްގެ ހުރިހާ ޤައުމުތަކުން މި ޤަރާރަށް ތާއީދުކޮށްފައިވާއިރު، އެމެރިކާ އާއި އިސްރާއީލު، އާޖެންޓީނާ، ހަންގޭރީ، މައިކްރޮނީޝިއާ، ނައުރޫ، ޕަލާއު، ޕަޕުއާ ނިއު ގިނީ، ޕެރަގުއޭ އަދި ޓޮންގާއިން ވޯޓު ދިނީ ނުފެންނަ ކަމަށެވެ. މި ވޯޓުގައި ވަކިކޮޅަކަށް ނުޖެހޭ ގައުމުތައް ގޮތުގައި ވޯޓު ނުދީ ތިބި ގައުމުތަކަކީ އަލްބޭނިއާ، ކެމަރޫން، ޗެޗް ރިޕަބްލިކް، ކޮންގޯ، އިކުއެޑޯ، އިތިއޯޕިއާ، ފިޖީ، ގުއާޓެމާލާ، ނޯތު މެެސެޑޯނިއާ، މޮލްޑޯވާ، ސަމާއޯ އަދި ސައުތު ސޫދާނެވެ. މި ވޯޓުގައި ބައިވެރިނުވާ ގައުމުތަކުގެ މެޖޯރިޓީ އަކީ އެމެރިކާގެ ވަރަށް ބޮޑު މަދަދަށް ތަބާވާ ގައުމުތަކެވެ.