ށ. މާއުނގޫދޫގައި ޤުރުއާނާ ބެހޭ ސެންޓަރެއް އިމާރާތް ކުރުމުގެ މަސައްކަތް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ހޯމަ ދުވަހު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 4 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރަށް ދީފައި ވަނީ 240 ދުވަހުގެ މުއްދަތެވެ.
މި ސެންޓަރުގެ އިމާރާތް ނިމުމުން، އެތަނުގައި އޮފީސް ޖާގައަކާއި، ޙިފްޡު ޓެސްޓުތައް ކުރިއަށް ގެންދެވޭނެ ވަކި ރޫމަކާއި، ކްލާސްރޫމަކާއި، ކޮންފަރެންސް ހޯލަކާއި އަދި ލައިބްރަރީއެއް ހިމެނޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފަވެއެވެ.
އެ ވުޒާރާއިން ބުނިގޮތުގައި މި މަޝްރޫޢަކީ މިހާރުގެ ސަރުކާރުން ޤުރުއާން ޢިލްމު ފެތުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!