މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 92 ހުށަހެޅުން ލިބިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފި އެވެ.

މިއީ މި އިނާމަށް މިހާތަނަށް ކުރިމަތިލީ އެންމެ ގިނަ އަދަދުކަން މަޢުލޫމާތު ލިބިފައިވެއެވެ.

Ad
rt

ނޫސްވެރިންގެ މަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމުގެ މަޤްޞަދުގައި ދެމުން އަންނަ މި އިނާމަށް މި އަހަރު 14 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އެވެ. މީގެ ތެރޭގައި ތަހުގީގީ ނޫސްވެރިކަމާއި، އިޖުތިމާއީ، ސިޔާސީ، ޝަރުއީ އަދި ގާނޫނީ ދާއިރާގެ އިތުރުން ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާވެސް ހިމެނެއެވެ.

އަދި ހަމަ އެހެންމެ، ކުޅިވަރު، ފޮޓޯ ޖާނަލިޒަމް، ޑޮކިއުމަންޓްރީ، ލައިފްސްޓައިލް، މުނިފޫހިފިލުވުމާއި ފަންނުވެރިކަން، ފީޗާ ރިޕޯޓު، ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީ އަދި އޯޑިއޯ ޖާނަލިޒަމްގެ ދާއިރާތަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު ދީފައިވެއެވެ. މީގެ އިތުރުން އުންމީދީ ނޫސްވެރިޔާގެ އިނާމާއި، އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު އަދި ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމުވެސް ހިމެނެއެވެ.

12 ވަނަ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ޖުލައި 13 ގައެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު، މި އަހަރުގެ އެވޯޑު ބާއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިކަމުގެ އިނާމު ދޭން ފަށާފައިވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ. އަދި މިއަހަރަކީ މި އިނާމަށް އެންމެ ގިނަ ހުށަހެޅުން ލިބުނު އަހަރުކަން ވެސް ފާހަގަކުރެވެއެވެ.