ތިޔަބެއިކަލުންނީ ރަށުގެ رعيةންގެ ފަރާތުން دولة އަށް ހުށައަޅާން އޮތް އެދުމެއް ހުށައެޅުމަށާއި، ރަށުގެ ކުރިއެރުމާއި ތަރައްޤީ އަށް އަޅާން އޮތް ފިޔަވަޅެއް އެޅުމަށް رعيةން ވަރަށް އިތުބާރުކޮށްފައި انتخاب ކުރާނޭ ممبرންނެވެ. މިހެންމިކަން ހުރިއިރު ތިޔަބެއިކަލުން އުފުލާންޖެހޭ ޒިންމާދާރީކަންވެސް ނުލާހިކު ބޮޑުވާނޭ ކަމީ شكއް ހުރި ކަމެއް ނޫނެވެ.
ތިޔަބެއިކަލުން ރަށުގެ ތަރައްޤީ އާއި ކުރިއެރުމަށް ވިސްނަވައި، ރަށުގެ آمدني ގިނަވާގޮތްތައް ފިކުރުކުރައްވައި خرد ކުޑަވާނޭ ގޮތްތައް ކުރީއްސުރެ ހޯއްދަވައިގެން ކައުންސިލަށް حاضر ވެނުލެއްވީވިއްޔާ ތިޔަބެއިކަލުންގެ ދަރަނި رعيةންގެ މައްޗަށް ވަރަށްވެސް ބޮޑުވާނެއެވެ. މިހެންވީއިރު ތިޔަބެއިކަލުން رعيةންނާ ދެއްކެވޭން އޮތްވަރަކުން ވާހަކަ ދައްކަވައި ސައްލާކުރައްވައި رعيةންގެ އެދުންތައް ފިލުވައި ހެއްދެވުމަކީ واجب ކަމެކެވެ. އަދި رعيةންގެ ބައެއް ދަތި دولةށް ނުފިލުއްވެވި ހުންނާނެކަމީ شكއް ހުރިކަމެއް ނޫނެވެ. މިހެން ހުރިނަމަ ހުރިދައްޗެއް رعيةންގެ ކިބައިން ހޯދައި އެ ފިލުވުމަށް މަސައްކަތްކުރާން ތިބިބަޔަކީވެސް ހަމަ ތިޔަ ممبرންނެވެ. ތިޔަބެއިކަލުން ވިސްނައި ފިކުރުކޮށްލައިފިނަމަ ރަށުގެ رعيةންގެ މައްޗަށް ކޮޅުނެތްކޮޅަށް فائدة ވާނޭ ލައްކަގިނަކަންކަން مشورة ކުޅައުމަށް އެބަހުރިކަން މާތްރަސްކަލާގެ ހަމަބުއްދި ދެއްވައިފައިވާ ކޮންމެ މީހަކަށް ވިސްނޭނެއެވެ.
އޭ ދިވެހިރާއްޖޭގެ ލޮބުވެތި رعيةންނޭވެ! ތިޔަބައިމީހުންގެ ضميرށާއި، ދުލަށް ލިބިފައިވާ މިނިވަންކަން ނިކަން ދެނެގަނެ، އަދި دولة ހިންގުމުގެ އެންމެހައި ބާރުތަކާއި އާރުތައް ފެށިގެން އަންނަނީ ވެސް ހަމަ ތިޔަބައިމީހުންގެ ކިބައިންކަން ހަނދާންކޮށްގެން، ދިވެހިރާއްޖޭގެ قانوني ވެރިކަމާއި، ހެދިފައިވާ قانونތަކާއި، دولة ގެ މިނިވަންކަމާއި صلح މަސަލަސްކަން އަބަދަށްދެމި އޮންނާނޭހެން، ރަށްރަށުގެ ތަރައްޤީގެ މަސައްކަތް ކުރުމަށް ނިކުންނަ مندوبންނާ މެދުގައި ފުންކޮށް ވިސްނައި ފިކުރުކޮށް ބަސް ނުބުނަނީ ވިއްޔާ قانون أساسي رعيةންނަށް عنايةކޮށްދޭ މިނިވަންކަމުގެ ބޭނުން ވަރަށްވެސް ކުޑައެވެ. އަދި ލިބިފައިވާ ބާރުގެ ބޭނުމެއް ބުއްދިވެރި ގޮތެއްގެމަތީން ނުކޮށްތިބެގެން ނުވަތަ ކުރާން ނުއެގިތިބެގެން އެمندوبން ރަށުގެ ކައުންސިލް ހިންގަވަނީ ހިތްޕުޅަށް އެރިގޮތަކަށޭ ބަޔަކު މީހުން ކީނަމަވެސް، އެއީ ތަނަކުން ތަނަކުގައިޖެހޭ ހަރުދަނާކަން ހުރި ވާހަކައެއް ކަމުގައި ހަމަހިލައި ނުވާނެއެވެ.
ލޮބުވެތި رعيةންނޭވެ! ތިޔަބައިމީހުން حقތަކަށާއި ބާރުތަކުގެ މައްޗަށް ވިސްނުން ފޯރުވައި، އެއިގެ ފައިދާ ތިޔަބައިމީހުންގެ ރަށާއި ދިވެހި دولةށާއި ދިވެހި رعيةންނަށް ފެންނާނޭ ގޮތެއްގެ މަތީން ބޭނުން ކުރައްވާށެވެ. ރަށު ކައުންސިލްގެ ބޭނުމަކީ ކޮބައިތޯ - އެކަމަށް ކުރިމަތިލާ މެންބަރުން ގެންގުއްވާ ވިސްނުންތަކަކީ ކޮބައިތޯ - އެކައުންސިލްގައި رعيةން ކުރާންވީ ކީއްތޯ - ދައްކާންވީ ކޮން ވާހަކައެއްތޯ - މިހިރީ މިތަންވަޅަށް رعيةން جواب ހޯދާންވީ ބައެއް سؤال سؤالވެ.
މާތް ރަސްކަލާގެ ދިވެހިރާއްޖޭގެ أهلވެރީންގެ ހިތްތަކުގައި ރަށްދެކެ ލޯބިވުން އުފައްދަވައި ދިވެހިރާއްޖެ ކުރިއެރުމުގެމަގުން ގެންދިއުމަށް ހެޔޮ رحمة ފުޅު ލައްވާނެތެވެ. آمين
(1933 ވަނަ އަހަރު، الإصلاح مجلة ގެ 3 ވަނަ عدد އަށް، أخبار وحوادث ގެ ނަމުގައި، އަލްމަރުޙޫމް މުޙައްމަދު އަމީން ދީދީގެ ލިޔުއްވާފައިވާ ލިޔުއްވުމަކުން، ތަންކޮޅެއް ނަގައި އެއަށް ބައެއް ބަދަލުތައް ގެނެސްފައި)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!