ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރުކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ.
މި ބަދަލު ތަންފީޒުކުރަން ފަށާނީ 2025 ވަނަ އަހަރުގެ އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެންނެވެ.
މިކަން ހާމަކޮށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނީ ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ އަދި ޞިއްޙީ ފަރުވާ ހޯދުމަށް ދަތުރުކުރާ ޤައުމަކަށްވެފައި، މި ނިންމުމަކީ ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ލިބިގެންދާނެ ޙައްލެއްކަމަށެވެ.
ދިވެހި ޚާރިޖިއްޔާއިން ވިސާއަށް އެދި ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސެކިއުރިޓީ ކްލިއަރެންސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމެވެ. ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، ވިސާ ބާޠިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެކަމަށް ސްރީލަންކާ ސަރުކާރުން ވަނީ އިންޒާރުދީފައެވެ.
މި ބަދަލާއެކު، ސްރީލަންކާގެ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ދިވެހިންނަށް ދޫކުރާ ސްޕައުސް ވިސާގެ މުއްދަތުވެސް އެއް އަހަރު ދުވަހަށް އިތުރުވެގެންދާނެއެވެ. މިއީ ކުރިން މި ބާވަތުގެ ވިސާތައް ދޫކުރަމުން އައި މުއްދަތަށްވުރެ އިތުރު ލުޔެއް ކަމުގައި ބެލެވެއެވެ.
ވިސާއަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިވެހި ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!