ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ޕްރޮޕޯސަލްތައް ހުށައެޅުމުގެ ފުރުސަަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލާއިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް އެދޭ ގްރޫޕްތަަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު މިމަހުގެ 23ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

Ad
rt

ޕްރޮޕޯސަލްތަކަށް މާކްސްދޭ ބައިޔަކާއި މިންވަރު:-

  • ޙައްޖަށް ގެންދިއުމަށް ހުށަހަޅާ އަގު %10
  • ފޯރުކޮށްދޭ ޚިދުމަތާއި ޚިދުމަތުގެ ފެންވަރު %85
  • ތަޖުރިބާ %5

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޙައްޖަށް ގެންދާ ޖަމާއަތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިން އަންނަ ބުދަދުވަހު އޮންނާނެކަމަށެވެ. ޕްރޮޕޯޒަލް ހުށަހެޅުމުގެ ފީއަކީ 10000 ރުފިޔާއެވެ.

ޙައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދޭނީ އެކަމަށް އެދި ހުށައަޅާ ކުންފުނިތައް އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ 4 ކުންފުންޏަށެވެ. އަދި އިވެލުއޭޓްކުރުމުގައި އެއްވަރަށް ޕޮއިންޓް ލިބިއްޖެނަމަ ހުއްދަދޭނެ ކުންފުންޏެއް ކަނޑައަޅާނީ ގުރުއަތުންކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާއިން ހުއްދަ ލިބޭ ކޮންމެ ކުންފުންޏަކަށް ދިނުމަށް ހަމަޖެހިފައިވަނީ 90 މީހުންގެ ޖާގަކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރާނީ އެކަމަށް ޚާއްސަ ކޮމެޓީ އަކުންނެވެ. އެ ކޮމެޓީގައި ހިމެނެނީ އެޓާނީ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ މެންބަރަކާއި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ މެންބަރެއްގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ މެންބަރަކާއި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ދެ މެންބަރެކެވެ.

ޙައްޖަށް ކޯޓާ ދިނުމުގައި މިދިޔަ އަހަރު މައްސަލަތައް ހުރިކަމަށް ބުނެ އެ މައްސަލަ އޭސީސީއާއި ސިވިލްކޯޓަށްވެސް ހުށައަޅާފައިވެއެވެ. މި މައްސަލަތައް ބެލުމަށްފަހު އެސީސީން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ ބައެއް ލިޔެކިޔުންތައް ފުރިހަމަ ނުވާ ޕްރޮޕޯޒަލްތައް ހުރިކަމަށެވެ. އަދި އެއީ އިވެލުއޭޝަން ކޮމިޓީން ބާތިލް ކުރަންޖެހޭ ދެ ޕްރޮޕޯޒަލަށް ވީ ނަމަވެސް އެކަން ކޮމިޓީން ނުކުރާ ކަމަށް އޭސީސީގެ ތަހުޤީގު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގައި އޭސީސީން ވަނީ މައިގަނޑު ތިން ކަމެއް އިސްލާހު ކުރަން އިސްލާމިކް މިނިސްޓްރީއަށް އަންގާފައެވެ. އެގޮތުން މައުލޫމާތު ފުރިހަމަ ނުވާ ޕްރޮޕޯސަލްތައް ބަލައިނުގަތުމާއި ޕްރޮޕޯޒަލްތަކަށް މާކްސްދޭ އިރު ޕޮއިންޓް ދޭނެ މިންގަނޑު ތަފްސީލުކޮށް މައުލޫމާތު ޝީޓްގައި ހިމެނުމަށްވެސް އެސީސީންވަނީ އިސްލާމިކް މިނިސްޓްރީއަށް އަންގާފައެވެ.

އެހެންނަމަވެސް އޭސީސީން ނިންމާފައިވަނީ މިދިޔަ އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ކުންފުނިތަކުން ހުށައެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާކަމަށެވެ.

ތަޖުރިބާއަށް މާކްސް ދިނުމުގައި މައްސަލަތައް ހުރިކަމަށް ބުނެ ރާއްޖެއިން މީހުން ޙައްޖަށް ގެންދާ އެންމެ ގިނަދުވަަސްވީ އެއް ޖަމާޢަތްކަމަށްވާ ސިލްސިލްފަރު ގުރޫޕުން މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީއާއި ދެކޮޅަށް ވަނީ ދައުވާވެސް ކޮށްފައެވެ.

މިދިޔަ އަހަރު ރާއްޖެއިން މީޙުން ޙައްޖަށް ގެންދިޔުމުގެ ޙުއްދަ ދީފައިވަނީ ޙައްޖު ކޯޕަރޭޝަނާއެކު 5 ޖަމާއަތަކަށެވެ.