ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ސާވިސް ޕޯޓަލް "ކުންބުޓި ޕޯޓަލް" ޓެސްޓުކުރުމުގެ ގޮތުން އާންމު ރައްޔިތުންނަށް މި ޕޯޓަލް ޓެސްޓުކުރުމަށް މިއަދު ހުޅުވާލައިފިއެވެ.
މި ޚިދުމަތް އާންމުންނަށް ޓެސްޓުކުރުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން ބުނެފައިވަނީ މި ޕޯޓަލް އަކީ ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ފަސޭހަކަމާއެކު އޮންލައިންކޮށް އެދިލެއްވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި އުފައްދާފައިވާ ޕޯޓަލް އެއް ކަމަށެވެ.
އެގޮތުން ކުންބުޓި ޕޯޓަލް މެދުވެރިކޮށް މިވަގުތު ރައްޔިތުންނަށް އެދިއްލެއްވޭނެ 7 ޚިދުމަތަކީ ބަނދަރު ބޭނުންކުރުމުގެ ހުއްދަ އާއި، މަގު ބަންުކުރުމުގެ ހުއްދަ، އަދި އުޅަނދު ފަހަރުގެ އެހެލުމަށާއި، ބޭލުމުގެ ހުއްދައިގެ އިތުރުން އާންމު ތަންތަނުގައި އިވެންޓް ބޭއްވުމަށާއި އެ ތަންތަނުގައި ތަކެތި ބެހެއްޓުމުގެ ހުއްދަ އަދި އާންމު ތަންތަން ކޮނުމުގެ ހުއްދަ އަށެވެ.
ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ މި މަޝްރޫޢު އަކީ ސްމާޓް ކައުންސިލް ސިޔާސަތުގެ ދަށުން ސިޓީ ކައުންސިލުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށާއި، ޒަމާނީކޮށް ރައްޔިތުންނާއި ގާތަށް ޚިދުމަތްތައް ގެނައުމަށް ހިންގޭ މަޝްރޫޢުއެއް ކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ކަރުދާސް މަދުކޮށް ރައްޔިތުންނަށް ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދެވިގެންދާނެކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
މި ޕޯޓަލްގެ ތެރެއިން 7 ޚިދުމަތެއް އާންމުންނަށް ބޭނުންކުރަން ހުޅުވާލިނަމަވެސް، ކުރިއަށް އޮތްތަނުގެ މި ޕޯޓަލް މެދުވެރިކޮށް އެ އިދާރާއިން 33 ޚިދުމަތަކަށް އެދިލެއްވޭނެކަމަށް ސިޓީ ކައުންސިލުން ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި އުޅަނދު ފަހަރުގެ އެކި ބޭނުންތަކާއި އާންމު ސަރަހައްދުތައް، އާބާދީ، ގޯތިގެދޮރާއި، އިމާރާތްކުރުމުގެ އިތުރުން އިޖުތިމާޢީ އަދި މާލިއްޔަތާއި ގުޅޭ ޚިދުމަތްތައް ހިމެނެއެވެ.
މި ޚިދުމަތާއި ގުޅޭގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާޠިފް "ތިލަދުން" އަށް ވިދާޅުވީ، އަމާޒަކީ 2025 ވަނަ އަހަރު ނިމުމުގެ ކުރިން މުޅި ޕޯޓަލްގެ ހުރިހާ ޚިދުމަތަކާއެކު ލޯންޗުކުރުމަށް ކަމަށެވެ.
މީގެ އިތުރުން ކައުންސިލުން މިހާރު މަސައްކަތް ކުރަމުން ދަނީ މި ޚިދުމަތަކީ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ސާވިސް ޕޯޓަލްގެ ގޮތުގައި ތަރައްޤީކުރުމަށް ކަމަށާއި، މި ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތައް އެދިލައްވަން ދަތިފުޅުވާ ފަރާތްތަކަށް ކައުންސިލްގެ ޕޯޓަލް ޑެސްކް އިން އެހީތެރިވެދޭނެ ކަމަށްވެސް މޭޔަރ ވިދާޅުވެފައިވެއެވެ.
މިފަދަ ޚިދުމަތެއް ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރުމަށް ނިންމި ނިންމެވުމަކީ، ސްމާޓް ސިޓީ ކޮންސެޕްޓަށް ކައުންސިލުން އޮޓޮމެޓްކުރެވި، ޚިދުމަތްތައް ރައްޔިތުންނާ ގާތަށް ގެނެސްދިނުމުގެ ގޮތުން 2021 ވަނަ އަހަރު މޭޔަރ އާޠިފް ގެ ކެމްޕެއިންގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން މުހިންމު އެއް ވައުދުފުޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!