ސަރުކާރުން ރައްޔިތުންނާ ގާތުން ގުޅުން ބަދަހިކޮށް، ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަމުން އަންނަ ''އަހާ'' ސިލްސިލާގެ އިތުރު ފޯރަމެއް މިރޭ ބާއްވަން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމްގެ މިރޭގެ ފޯރަމަކީ، ''އަހާ'' ސިލްސިލާގެ ދަށުން ބާއްވާ 6 ވަނަ ފޯރަމެވެ.
މިރޭގެ ފޯރަމްގައި ރައްޔިތުންނަށް މަޢުލޫމާތު ދެއްވުމަށާއި ސުވާލުތަކަށް ޖަވާބު ދެއްވުމަށް 4 ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ފޯރަމް އޮންނާނީ މިރޭ 21:00 ގައި، ދެ ގަޑިއިރަށް ކުރިއަށް ގެންދާ ގޮތަށެވެ.
މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ:
- ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް
- ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް
- އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
- ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަޙީދު
ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި ސިޔާސަތުތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން، ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ސީދާ ޖަވާބު ދެއްވުމަށް ބާއްވާ މި ފޯރަމްތަކަކީ، ރައްޔިތުންނާ ސަރުކާރު ގުޅުވައިދޭ މުހިންމު ވަސީލަތެކެވެ.
މި ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލާފައެވެ. އެގޮތުން، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ ފުރުޞަތުގެ އިތުރުން، ޕީއެސްއެމްގެ ''އެއަރ އެޕް'' މެދުވެރިކޮށްވެސް ވަޒީރުންނާ ސުވާލުކުރެވޭނެއެވެ.
''އަހާ'' ސިލްސިލާގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ. މި ސިލްސިލާގެ ދަށުން ވަޒީރުންގެ ފޯރަމުގެ އިތުރުން، ސީދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާގޮތަށް ޚާއްޞަ ފޯރަމްތައްވެސް ސަރުކާރުން އަންނަނީ ބާއްވަމުންނެވެ. މީގެއިތުރުން، ސަރުކާރުގެ މަސައްކަތްތަކާއި ސިޔާސަތުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ''ރައްޔިތުންނާއެކު'' މި ނަމުގައި ޚާއްސަ ސިލްސިލާ ޕޮޑްކާސްޓެއްވެސް ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!