ފ. މަގޫދޫގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓްގެ ފަޔަރ އިމާރާތުގެ ބިއްލޫރިތައް ތަޅާލައި، އެތަނުގައި ރޯކޮށްލަން ބަޔަކު މަސައްކަތްކޮށްފިއެވެ.
ފުލުހުން ބުނީ ފ.މަގޫދޫގައި ތަރައްގީ ކުރަމުންދާ އެއަރޕޯޓްގައި އިމާރާތް ކޮށްފައިވާ އެއަރޕޯޓް ފަޔަރ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް 13 ޖުލައި 2025 ވަނަ ދުވަހުގެރޭ ތަޅާލާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު (14 ޖުލައި 2025 ވަނަ ދުވަހު) ގެ 07:47 އެހައިކަންހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ.
''މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެމްޓީސީ މަގޫދޫ ސައިޓުގެ ފަރާތުން، މިހާތަނަށް ބެލި ބެލުމުން، އިމާރާތުގެ ބިއްލަޫރިތަށް ތަޅާލުމާއި އަލިފާން ރޯކޮށްލުމަށް މަސައްކަތް ކޮށްފައިވާކަމަށް ފާހަގަކުރެވިފައިވޭ.'' ފުލުހުން ބުންޏެވެ/
މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
މަގޫދޫ އެއާޕޯޓް ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައި ވަނީ 19 ނޮވެމްބަރ 2022 ގައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވޅަު ކުރީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 231.5 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން 5 ކިލޯމީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމާއި ޕެސެންޖާ ޓާމިނަލް އިމާރާތް ހެދުނާއި ފަޔާ ސްޓޭޝަން ހެދުމާއި ސަލާމަތީ ހިދުމަތްތައް ގާއިމުކުރުމާއި ނެވިގޭޝަނަލް އާލާތްތައް ސަޕްލައިކޮށް އިންސްޓޯލް ކުރުމާއި މެޓް އާލާތްތައް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ އިތުރުން ގްރައުންޑް ހޭންޑްލިން އާލާތްތައް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރާނެއެވެ. މަގޫދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކައި އެތަނުގެ ގޮނޑުދޮށް ހިމާޔަތްކުރަން ހަވާލުކޮށްފައި ވަނީވެސް އެމްޓީސީސީއާއެވެ. އެ މަޝްރޫއުގެ ދަށުން މަގޫދޫ އެއާޕޯޓް ހަދާ ބިން ހިމެނޭ ގޮތަށް 47.8 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!