އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވައިފިއެވެ.
މި ކުތުބުޚާނާ ތަރައްގީކޮށްފައި ވަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިގިލާގައެވެ. މިތަން ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މިތަން ރަސްމީކޮށް ހުޅުއްވައި ދެއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެވެ.
އިސްލާމީ ކުތުބުޚާނާ ހުޅުވިގެން ގޮސްފައި ވަނީ 15،000 އަށްވުރެ ގިނަ ފޮތާއެކުކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މި އިސްލާމީ ކުތުބުޚާނާ ވެގެންދާނީ އިސްލާމީ ޢިލްމު ޚާސިލްކުރުމަށް ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ތަނަކަށް ކަމަށް ވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރިތައް ޤާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ޤައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ. މިކަމާއި ގުޅޭ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެފައި ވަނީ، ހއ. ދިއްދޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ރ. އުނގޫފާރު އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި އައްޑޫ އިސްލާމިކް ސެންޓަރ ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ޤާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ޤައުމެެއްގެ ޔުނިވަރސިޓީއަކުން ހަދިޔާކުރާނެކަމަށެވެ. މިގޮތުން 60 ހާސް ފޮތް ހަދިޔާކުރަން ނިންމާފައިވާކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!