ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ދެ ދައުރަށްވުރެ ގިނައިން ނުކުރެވޭގޮތަށް ހަދަން މަޖިލީހަށް އިސްލާޙެއް ހުށަހަޅަން ބޭނުންވާކަމަށްވިދާޅުވެ، އެކަމުގައި އާންމުންގެ ޚިޔާލަށް މައްޗަން ގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު އެދިވަޑައިގެންފިއެވެ.
މެންބަރު އިބްރާހިމް މުހައްމަދު މި ޚިޔާލުފާޅުކުރަށްވައި، އާންމުންގެ ޚިޔާލަށް ހުޅުވައިލެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ވެސް އެކަކަށް ދެ ދައުރަށްވުރެ ގިނައިން އަދާނުކުރެވޭކަން ފާހަގަކުރަށްވާފައެވެ. އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ދެ ދައުރަށްވުރެ ގިނައިން ނުކުރެވޭގޮތަށް އޮތުން ރަނގަޅުކަމަށް އޭނާ ވިދާޅުވެފަވެއެވެ.
މެމްބަރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ދެ ދައުރަށްވުރެ ގިނައިން ނުކުރެވޭގޮތަށް ހެދުމުން އޭނާގެ ނަޒަރުގައި ލިބޭނެ ފައިދާތައް ވެސް ހިއްސާކުރަށްވާފައެވެ. މިގޮތުން އެގޮތަށް ހެދުމުން އައުމެންބަރުންނަށް ފުރުސަތުލިބޭނެ ކަމަށާއި އަދި ޒަމާންވީ ބޯދާގޮތް ޒަމާނީވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ''ދާއިރާއަށް ނުފޫޒުގަދަ ވަކި މީހަކު އަތުން ސަލާމަތްވާނެ'' ކަމަށް ވެސް އޭނާ ވިދާޅުވެފަވެއެވެ.
މެބްބަރުކަމަށް 2 ދައުރަށްވުރެ ގިނަ ނުވާގޮތަށް ޤާނޫނަށް އިސްލާޙެއް ހުށައަޅަން ބޭނުން. ރައީސް ކަމަށްވެސް 2 ދައުރު އޮންނަގޮތަށް އޮތުމުން:-
* އައުމެންބަރުންނަށް ފުރުސަތުލިބޭނެ
*ޒަމާންވީ ބޯދާގޮތް ޒަމާނީވާނެ
* ދާއިރާއަށް ނުފޫޒުގަދަ ވަކި މީހަކު އަތުން ސަލާމަތްވާނެޚިޔާލަކީ ކޮބައިތޯ؟
— Ibrahim Muhammad (@ibrahimjanab) July 1, 2025
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 3 ވަނަ ބާބުގައި ރައްޔިތުންގެ ޤާނޫނު ހެދުމުގެ ބާރުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ވާހަކަ ބަޔާންކޮށްފައިވާއިރު، މަޖިލީހުގެ މެމްބަރުކަން ކުރެވޭނެ މުއްދަތުގެ ވަކި ލިމިޓެއް ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުއަސާސީން ބާރުލިބިގެން ހަދާފައިވާ ޤާނޫނެއްގައި ވެސް ބަޔާންކޮށްފައެއްނުވެއެވެ.
ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ހަތަރު އަދި ފަސް ދައުރު ކުރަށްވާފައިވާ ބޭފުޅުން ތިއްބެވިއިރު، މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި ވެސް ހަތަރު ދައުރު ފުރިހަމަ ކުރަށްވަމުން ގެންދަވާ ބޭފުޅުން އެބަތިއްބެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!