ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙަތާ ގުޅޭ ސިޔާސަތު "ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ" މިއަދު އިފްތިތާޙްކޮށްފިއެވެ.
ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘީމް އިބްރާހިމެވެ.
މި ސިޔާސަތު އެކުލަވާލާފައިވަނީ ސަރަޙައްދީ ގައުމުތަކުގެ އުސޫލުތަކަށް ރިޢާޔަތްކޮށް، މިނިސްޓްރީ އޮފް ހެލްތު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަން (އައި.އޯ.އެމް) އާއި ގުޅުންހުރި ދެންވެސް އެހެނިހެން މުއައްސަސާތަކާއި ޖަމްޢިއްޔާތަކާ މަޝްވަރާކޮށްގެންނެވެ. އައި.އޯ.އެމް ޑިވެލޮޕްމަންޓް ފަންޑުން ވަނީ މި މަސައްކަތަށް ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ހެލްތް މިނިސްޓްރީން ބުނިގޮތުގައި މި ޕޮލިސީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސިއްޙަތު ރައްކާތެރިކުރުމާއި، އެމީހުންނަށް ބޭނުންވާ ސިއްޙީ ފަރުވާއާއި ޚިދުމަތްތައް ފޯރުކޮށްދީ، ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރެއިން ބިދޭސީންގެ އާންމު ސިއްޙަތު ހަރުދަނާކުރުމެވެ.
މީގެ އިތުރުން، މިއީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ސިއްޙީ އަސާސީ ހައްޤުތައް ފުރިހަމައަށް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލުކުރުމަށް އެކުލަވާލެވުނު މުހިއްމު ސިޔާސަތެކެވެ.
މި ޕޮލިސީގެ މަޤްޞަދުތަކުގެ ތެރޭގައި މަލްޓި-ސެކްޓަރ ކޯޑިނޭޝަން މެކޭނިޒަމެއް މެދުވެރިކޮށް ބިދޭސީންގެ މެދުގައި ބަލިތައް ފެތުރުން ކުޑަކުރުމާއި، ހިޖުރައިގެ ހުރިހާ މަރުހަލާއެއްގައި އެމީހުންގެ ސިއްޙީ ހާލަތު ރަނގަޅުކުރުން ހިމެނެއެވެ. އަދި ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ބިދޭސީންގެ ސިއްޙީ ހާލަތު ބެލެހެއްޓުމާއި، އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމާއި، ފަރުވާ ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރުން ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!