ހއ. ހޯރަފުށީ ގައި ޤާއިމްކޮށްފައިވާ ބިއްލޫރި ފުޅީގައި ފެންބަދުކުރާ "ބޮޓަލިންގް ފްލާންޓް" ގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުން އެ ރަށު ކައުންސިލުން ކަނބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ.

މި މައްސަލަ އާއި ގުޅޭ ގޮތުން ހޯރަފުށީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހޯރަފުށީ ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބުކޮށް، ބޮޓްލިންގް ޕްލާންޓުގެ މަސައްކަތް ޖޮއިންޓް ވެންޗަރ އުޞޫލުން ޤާއިމްކޮށް ހިންގުމަށް ހޯރަފުށީ ކައުންސިލާއި ފެނަކައާއި ދެމެދު ފަހުމުނާމާ އެއް އެކުލަވާލާފައިވާ ކަމަށެވެ.

Ad
rt

އަދި އެ ދެ އިދާރާ އާއި ދެމެދު އެކުލެވިފައިވާ ފަހުމުނާމާ ނަންބަރު ގެ ދަށުން ޤާއިމްކުރާ އިމާރާތް ނިމި ހުޅުވުމާ ދާދި ގާތްވެފައިވާ ދަނޑިވަޅެއްގައި އެތަނުގެ އޮޕަރޭޝަންތައް ރަސްމީކޮށް މި އަންނަ ޖުލައި މަހުގެ ތެރޭގައި ފެށޭނެކަމަށް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙު ކައުންސިލާއި ބައްދަލުކޮށް ޔަޤީންކަން ދެއްވާފައިވާކަމަށް ކައުންސިލުން ބުނެފައިވެއެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުގައި ޕްރޮޖެކްޓުތައް ނުހުއްޓުވާނެކަމަށާއި މުވައްޒަފުން ވަޒީފާއިން ވަކިނުކުރާނެކަމަށް ވަޢުދުވެފައިވުމުން އެ ވަޢުދާއި ޚިލާފުވެ ވަޑައިގެން ރައްޔިތުން ނިކަމެތި ކުރަމުން ދާތީ ކައުންސިލުން ވަނީ އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފައެވެ.

އެހެންކަމުން ކައުންސިލުން މި ބަޔާނުގައި ބުނެފައިވަނީ، މި ޕްރޮޖެކްޓް ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތަަކާއި ހުރަސްތައް ނައްތާލުމަށާއި ފެންވަރު ރަނގަޅުކޮށް އިތުރަށް ތަރައްްީކުރުމަށް ދެ ފަރާތުން އެއްބަސްވެވިފާ ހިނދު ހޯރަފުށީ ކައުންސިލާއި އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި އެ ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓުމަކަށް ގެނައުމަށް ނިންނުމަށް ގޮވާލާފައެވެ.

އަދި މި ބަޔާނުގައި ކައުންސިލުން ވަނީ ބޮޓްލިންގް ޕްލާންޓްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ފެނަކައިގެ ޑިރެކްޓަރު ބޯޑުން ނިންމި ނިންމުން މުރާޖާޢާކޮށް އެ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށްދިނުމަށް އެދި ފެނަކައިގެ އެމްޑީއާއި ޑިރެކްޓަރުންނަށް ގޮވާލާފައެވެ.

މީގެ އިތުރުން މި ނިންމުން ނިންމާފައިވަނޯ ދެ ފަރާތުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުމާއި ކަނޑައެޅިގެން ޚިލާފަށް ކަމަށްވާތީ، މިކަމުގައި އިންސާފު ހޯދުމަށް ޝަރީއަތަށް ހުށަހަޅައިގެން ކުރިޔަށް ދާނެކަމަށްވެސް ހޯރަފުށީ ކައުންސިލުން ބުނެފައިވެއެވެ.