ހދ.ހަނިމާދޫގައި ރީޖަނަލް ލެބޯޓަރީގެ މަސައްކަތް ޑިޒައިން، ބިލްޑް އަދި ކޮންސްޓްރަކްޝަން އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީއިން ކޮށްފައިވާ ޢިއުލާނެއްގައި ބުނަނީ، ޕްލޭނިންގ މިނިސްޓްރީގެ އެދިލެއްވުމުގެ މަތިން، ހދ.ހަނިމާދޫގައި ރީޖަނަލް ލެބޯޓަރީގެ މަސައްކަތް ޑިޒައިން، ބިލްޑް އަދި ކޮންސްޓްރަކްޝަން އުޞޫލުންކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.

Ad
rt

އެހެންކަމުން އެމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަމަށެވެ.

އެމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ބީލަން ހުޅުވުން އޮންނާނީ 2 މާރިޗު 2020 ވާ ހޯމަ ދުވަހުގެ 13:00 ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

ހަނިމާދޫގައި ރީޖަނަލް ލެބޯޓަރީ ޤާއިމު ކުރުމަށް މީގެ ތިން މަހެއްހާ ދުވަސްކުރިން އެރަށު ކައުންސިލުން ވަނީ ތިމާވެއްޓާއި ބެހޭ މިނިސްޓްރީއަށް 10000 އަކަފޫޓުގެ ބިމެއް ދޫކޮށްފައެވެ.

ހަނިމާދޫއަކީ ނިމުނު ސަރުކާރުން ފެނުގެ ނިޒާމު ފުރިހަމަ ކޮށްފައިވާ ރަށެކެވެ. ހަނިމާދޫގައިވަނީ ނަރުދަމާގެ ނިޒާމްވެސް ޤާއިމު ކުރެވިފައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކޮށް ދިނުމާއި، ހަނިމާދޫ ބަނދަރު އަޕްގްރޭޑް ކުރުމާއި، މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި އަދި ހަނިމާދޫ ގިރާ ސަރަޙައްދު ހިމާޔަތް ކޮށްދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދުތަކެވެ.

އޭގެ ތެރެއިން ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރުވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. މަގު ހެދުމުގެ މަސައްކަތަކީ ކުރީގެ ސަރުކާރުން ފެށިގެން ދިގު ދެމިގެން ގޮސްފައިވާ މިހާރުވެސް ހިނގަމުންދާ މަސައްކަތެކެވެ.