ހަސަންގެ ވާހަކަތައް އަޑު އަހަން ހުރި ރަޝީދުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދާކަށް މާ ގިނަ ވަގުތުތަކެއް ނުނެގިއެވެ. ރަޝީދުގެ މޫނުމަތިން ފެންނަމުންދާ ނުތަނަވަސްކަމާއި ހިތްހަމަ ނުޖެހުމުގެ ސަބަބުން ހަސަން ވަރަށް ބޮޑަށް ބިރުގެންފިއެވެ. މިހާރު ހަސަން ހުރީ ވެސް ރަޝީދުގެ ކުރިމަތިން ދެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ.
" ޝަބްނަމްއާ ކައިވެނި ކުރީމަ ހަސަންގެ ދިރިއުޅުން ހަލާކުވާނެޔޭ މިހާރު ތި ކިޔަނީ ކީއްވެ؟ ކުރިން ވެސް ތިހެން ބުނެވުނީސް ދޯ؟ ކައިވެންޏަށް އެދުނު އިރު ނުބުނި އެއްޗެއް މިހާރު ކީއްވެ ތި ބުނީ؟ " ރަޝީދު އެހިއެވެ.
ބިރުން ހުރި ވަރުން ހަސަންއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ދޫ ހަރަކާތް ކޮއްލާނެ ހިތްވަރު ވެސް އޭނާގެ ނެތް ކަހަލައެވެ.
" ޝަބްނަމްއަކީ މަގޭ ފުރާނަ. އަހަރެންގެ ހުރިހާ ވެސް މީހަކީ އެއީ. އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު. އޭނަގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓޭކަށް ވެސް އަހަރެން ބޭނުމެއް ނުވެ. އެކަމަކު ހަސަން ކަންތައް ތި ކުރި ގޮތުން އެ ކުއްޖާގެ ފުރާނަ ވެސް ހިނގައިދާނެ." ރަޝީދު ބުނީ ހަރުކަށި ރާގެއްގައެވެ.
ހަސަން އަވަހަށް އިސްޖަހާލީ ރަޝީދުގެ މޫނަށް ބަލަން ނުކެރިގެންނެވެ.
" މީގެ ކުރިން، ކަނޑުމަތީގެ ދިގު ދަތުރުތައް ކުރަން ބިރުގަންނާތީ، އެކަމަށް އިންކާރު ކުރަމުން އައި ޝަބްނަމް ހަސަން ދެކިލާހިތުން މި ހިސާބަށް އެ އައީ ދިހަ ގަޑި އިރުގެ ދަތުރެއް ކޮއްފައި. ކަނޑުމައްޗަށް އެރީއްސުރެ އެ ކުއްޖާ އޮތީ ހޮޑުލައިލައި. ޝަބްނަމް ހަސަންދެކެ ލޯބިވާވަރު ހަސަންއަށް އިހްސާސް ނުވީތީ އަހަރެން ވަރަށް ދެރަވެއްޖެ." ރަޝީދު ބުންޏެވެ.
އޭނާ ދެ އަތް ފުރަގަހަށް ލުމަށްފަހު ހަސަންއަށް ފުރަގަސް ދިނެވެ. އެއާއެކު ހަސަން އަވަސް އަވަހަށް ރަޝީދުއަށް ބަލައިލިއެވެ.
" އަހަރެން ދެން އާދޭހެއް ނުކުރާނަން. ހަސަން، ހަސަންގެ ދިރިއުޅުމައިގެން ކުރިއަށް ދޭ. އަހަރެން، އަހަރެންގެ ދަރިފުޅަށް ވިސްނައިދެވޭތޯ ބަލާނަން. އަދި އެއް ވާހަކަ. އަހަންނަށް އެއްވެސް ފައިސާއެއް އަނބުރާ ދޭނެ ކަމެއް ނެތް. އަހަންނަކީ އެހާ ނުބައި މީހެއް ނޫން. ވަރަށް ސަލާމް." ރަޝީދު އެހެން ބުނެ ކުރިއަށް ހިނގައިގަތެވެ.
ރަޝީދަކީވަރަށް ހެޔޮ މީހެއްކަން ހަސަންއަށް އެނގެއެވެ. އަދި ހާއްސަކޮށް އޭނާ ހަސަންއާ މެދު ކަންތައް ކުރީ ވަރަށް ރަނގަޅަށެވެ. ނަމަވެސް މިއަދު ރަޝީދު މުޅި އުމުރަށް އޭނާ ދޫކޮށްފައި އެ ދަނީ އޭނާއާ މެދު ހިތްހަމަ ނުޖެހިގެންކަން ހަސަންއަށް އެނގެއެވެ. އެކަމާ ހަސަންގެ ހިތުގައި ކޮންމެވެސް ވަރަކަށް ރިއްސާލިއެވެ.
ރަޝީދު ކޮންމެ ފަދަ ވާހަކައެއް ދެއްކިޔަސް ހަސަން ސާބިތުވެ ހުރީ މަރިޔަމްއަށްޓަކައެވެ. މަރިޔަމްދެކެ ވާ ލޯބި އިމްތިހާން ކުރެވުނީއޭ އެ ވަގުތު ހަސަންގެ ހިތަށް އެރިއެވެ. ރަޝީދުގެ ވާހަކަތަކާއި އޭނާއަށް އައިސްފައި ހުރި ބަދަލުތަކުން ބިރުން ގޮސް ހަސަންއަށް އަނެއްކާ ވެސް އެއްބަސް ވެވިދާނެތީ ހުދު ހަސަން ވެސް ހުރީ ޖެހިލުންވެފައެވެ. ނަމަވެސް އޭރު ވެސް އޭނާގެ ހިތް އޮތީ މަރިޔަމްގެ ހައްގެއްގެ ގޮތުގައި ހަމަ އޭގެ މަގާމުގައެވެ.
ހަސަން ގެއަށް އައިސް ވަތް އިރު ހުރިހާ ކުދިން ވެސް ތިބީ ސިޓިންރޫމްގައި ކުޅޭށެވެ. ގޭތެރެއިން މަރިޔަމް ފެންނަން ނެތުމުން މަންމަ ކޮބައިތޯ އޭނާ ސާމިހް ކައިރީ އެހިއެވެ.
" ބޮލުގައި ރިއްސާތީވެ އޮށޯތީ. ބައްޕަ އަންނަން ދެން ކޮއްކޮ ބަލަން މި އިނީ." ސާމިހް ބުންޏެވެ.
އެއާއެކު ހަސަން ހިނިތުންވެލިއެވެ. އޭނާ މަޑުމަޑުން ގޮސް ކޮޓަރި ދޮރު ހުޅުވާލި އިރު ބިއްދޮށަށް އެނބުރިގެން މަރިޔަމް އޮތެވެ. ހަސަންއަށް އަނެއްކާ ވެސް ބަލައިލެވުނީ ދަރިންނާ ދިމާލަށެވެ. އޭރު ވެސް އެ ކުދިން ތިބީ ކުޅިވަރުގައި ޖެހިފައެވެ. އެހެންކަމުން ހަސަން މަޑުމަޑުން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.
" މާ ބޮޑަށް ނުވިސްނާ." ހަސަން ބުންޏެވެ.
އެނދުގެ މަގަތުގައި އިށީނދެ އޭނާ މަރިޔަމްގެ ގައިގައި އަތް ޖައްސާލިއެވެ. އެއާއެކު މަރިޔަމް މަޑުމަޑުން ގިސްލަމުން ދާ ކަން ހަސަންއަށް ޔަގީން ކުރެވުނެވެ.
" މަރިޔަން. ދުވަހަކުވެސް އަހަރެން މަރިޔަން ރޮއްވިންތަ؟ މަރިޔަމް ހިތުގައި ޖެއްސިންތަ؟" ހަސަން އެހިއެވެ.
މަރިޔަމް ޖަވާބެއް ނުދީ އިރުކޮޅަކު އޮތެވެ. ނަމަވެސް ރައްދެއް ނުދީ މާ ގިނައިރަކު އޭނާއަކަށް ނޯވެވުނެވެ. އޭރު ވެސް އޭނާގެ ހިތުގައި އެތައް ޝަކުވާތަކަކާއި ހިޔާލްތަކެއް ކުރިލައި ފަޅަމުން ދެއެވެ.
" މީގެ ކުރިން ހަސަން އަހަރެން ނުރޮއްވިޔަސް، ހިތުގައި ނުޖެއްސިޔަސް... ދެން ކުރިއަށް އޮތް ހުރިހާ ދުވަހަކު އަހަރެންގެ ދިރިއުޅުމުގައި ކަރުނަޔާ، ވޭނާ، އުދާސް ފިޔަވައި އެކައްޗެއް ވެސް ނުވާނެ." މަރިޔަމް ބުންޏެވެ.
އެއާއެކު ހަަސަން ކުޑަކޮށް އަރިވެލުމަށްފަހު މަރިޔަމްގެ ކޮނޑުގައި މޫނު ޖައްސާލިއެވެ.
" މަޖުބޫރުވެގެންނޭ ބުންޏަސް، ތިޔަ ކައިވެންޏެއް ކުރީމަ އަހަރެން ދިރިހުންނާނީ ކިހިނެއް؟" މަރިޔަމް އަނެއްކާ ވެސް ބުނެލިއެވެ.
އެއާއެކު ހަސަން، އޭނާއާ ދިމާލަށް މަރިޔަމް އަނބުރާލިއެވެ. އަދި މަރިޔަމްގެ މޫނުގައި ތަތްވެފައިވާ އިސްތަށިތައް އެއް ފަރާތް ކޮއްލުމަށްފަހު މޫނުގައި ދެ އަތުން ހިފަހައްޓާލިއެވެ.
" އަހަރެމެން ދެ މީހުން ދުރުވާނެ ގޮތަކީ ހަމައެކަނި މަރު." ހަސަން ބުނެލިއެވެ.
އެއާއެކު މަރިޔަމްއަށް އިތުރަށް ރޮވިއްޖެއެވެ.
" އަހަރެން މި އައީ ސާފުކޮށް އިންކާރުކޮއްފައި. އެ މީހުން ކޮންމެ ވާހަކައެއް ދެއްކިޔަސް، އަހަންނާ ދިމާލަށް ކޮންމެ އެއްޗެއް ކިޔަސް އަހަންނަކަށް އެ ކަމެއް ނުކުރެވޭނެ. އަދި އެކަމުގެ ހިތާމައިގައި ޝަބްނަމް ކޮންމެ ކަމެއް ކުރިޔަސް އަހަންނަކަށް ހަމްދަރުދީއެއް ނުވެވޭނެ. އެނގޭތަ އެއީ ކީއްވެކަން؟" ހަސަން މަރިޔަމްގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.
އޭރު ވެސް މަރިޔަމް އޮތީ ހަސަންގެ މޫނަށް ބަލާށެވެ.
" އަހަރެން މަރިޔަން ދެކެ ވަރަށް ލޯބިވޭ. އަބަދު ނުބުންޏަސް އަހަންނަށް މިއަދު އެކަން މާ ބޮޑަށް އިހްސާސް ކުރެވިއްޖެ. އަހަރެންގެ ހަޔާތުގެ ދިރުމަކީ ހަމައެކަނި މަރިޔަން. އިތުރު މީހަކު މި ހަޔާތަކަށް ދެނެއް ނާންނާނެ." ހަސަން ޔަގީންކަން ދިނެވެ.
ހިތަށް ލިބުނު ހަމަޖެހުމާއެކު މަރިޔަމް ތެދުވެ، ހަސަންގެ އުނގު ތެރޭގައި ބޮނޑިވެގަތެވެ.
" އަހަންނަކީ އަބަދުވެސް މަރިޔަންގެ ހަސަން." ނުހަނު ލޯބިން ހަސަން ބުނެލިއެވެ.
ދެ އަތް އުރާލައިގެން ޝަބްނަމް ހުރީ ކުޑަދޮރުން ބޭރަށް ބަލަަހައްޓައިގެންނެވެ. އޭރު ޝަބްނަމްގެ ފުރަގަހުގައި ޒުހޭރާއާއި ރަޝީދު ހުރީ ނުހަނު ކަންބޮޑުވެފައެވެ. އިރުއިރުކޮޅުން އެކަކު އަނެކަކުގެ މޫނަށް ބަލައިލަބަލައިލާ އެ މީހުން ތިއްބެވެ.
" ދަ...ދަރިފުޅު ދެން އާދެބަލަ އިށީންނަން. ކިހާ އިރެއް ވެއްޖެ ތިތާ ތި ހުންނަނީ؟" ޒުހޭރާ ބުންޏެވެ.
" އަޅުގަނޑު ބޭނުންވަނީ އެކަނިވެލަން." ނޭވާ އެތެރެއަށް ހިފަހައްޓާލަމުން ޝަބްނަމް ބުންޏެވެ.
" އެކަމަކު ދަރިފުޅު އެކަނި ކުރާކަށް ބައްޕަ ބޭނުމެއް ނޫނޭ. ވަރަށް ގިނަ ފައިސާ ދީގެން މި ރަށުން ދޯންޏެއް ވެސް ހަމަޖައްސައިިފިން. މިހާރުން މިހާރަށް މާލެ ފުރަން ވެގެން." ރަޝީދު ބުންޏެވެ.
އެ ވަގުތު ޝަބްނަމް އަވަސް އަވަހަށް އެނބުރި ބަލައިލިއެވެ. އޭރު އޭނާގެ ދެ ލޯ ހުރީ ވަރަށް ބޮޑަށް ރަތްވެފައެވެ.
" ހަސަން އެއްބަސް ކުރެވޭތޯ އިތުރަކަށް ދެން މަސައްކަތެއް ނުކުރާނަންތަ؟" މޮޔައަކު ފަދައިން ޝަބްނަމް ސުވާލު ކުރިއެވެ.
އެ ވަގުތު ޒުހޭރާއަށް ތެޅި ގަނެވުނީ އޭނާގެ ދަރިފުޅުގެ ވިސްނުން ހުރި ގޮތުންނެވެ. އޭނާ އަވަސް އަވަހަށް ޝަބްނަމްއާ ދާދި ގާތުގަިއ ހުއްޓި ވިސްނައިދެވޭތޯ މަސައްކަތް ކުރަން ފެށިއެވެ.
" ބައްޕަ އެ ބުނުއްވީނު ހަސަން ބޭނުމެއް ނުވެޔޭ ދަރިފުޅާ ކައިވެނި ކުރާކަށް. ދިރިއުޅުމެއް ހަލާކުކޮށްފައި އުފަލުގައި އުޅުމަކީ ވެސް ފަސޭހަކަމެއް ނޫނޭ. ދެ އަނތްބަށް އިނދެގެން އުޅޭނެ ހިތްވަރު ދަރިފުޅުގެ ކިބަޔަކު ނެތް. ހަސަން މި ރަށަށް އައީމަ ފަހަތުން ތި އައީ ވެސް އެހެންވެ. މަންމަ ބުނާ ގޮތް ހަދާ ދަރިފުޅާ. އާދޭސްކުރަން. ތިޔަ ހިޔާލު ދޫކޮށްލާފައި މާލެ ހިނގާ." ޒުހޭރާގެ ވާހަކަ އެ ހިސާބަށް ދިޔުމާއެކު އޭނާއަށް ރޮވިއްޖެއެވެ.
މަންމަ ރޯ މަންޒަރު ބަލަން ޝަބްނަމްގެ ހިތަކަށް ކެތެއް ނުވިއެވެ. މިހާތަނަށް ވެސް އޭނާގެ ހުރިހާ ވެސް ބަޔަކީ މަންމައާއި ބައްޕައެވެ.
" އޭ މަންމާ ނޫން. މަންމަ ނުރޮއި. ހުއްޓާލާ. އަޅުގަނޑާ ހެދި މަންމަ ރޯނެ ކަމެއް ނެތް. އެންމެ ރަނގަޅު. އަޅުގަނޑު މާލެ ހިނގައިދާނަން. އެކަމަކު ދެން ދުވަހަކު ވެސް އަޅުގަނޑު ކައިރީ މީހަކާ އިންނަން ނުބުނައްޗޭ. އަޅުގަނޑު އަދިވެސް އުއްމީދު ކުރަން ހަސަން ލިބޭނެ ކަމަށް. މަރުވަން ދެން ވެސް އަޅުގަނޑު ހަސަންއަށް އިންތިޒާރު ކުރާނަން. " ރޮވޭ ފަދަ ގޮތަކަށް ޝަބްނަމް ބުންޏެވެ.
ޝަބްނަމްގެ އެ ޖުމްލަތަކުން ރަޝީދުއާއި ޒުހޭރާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެ ދަރިފުޅުގެ މުޅި ހަޔާތް އަނެއްކާ ވެސް އަނދިރިވީކަން އެ މީހުންނަށް އެނގުނެވެ.
ގޭދޮށުގައި ހަސަން ހަދާފައި އޮތް އަންބަލަމުގައި ހާނިމްއާއި ސާޔާ ތިބީ ކުޅޭށެވެ. އޭރު ސާމިހް ވީ ކިޔަވަން ގޮހެވެ. ގަސްދޮށުގައި ހުރި އަށި މަތީގައި ހަސަންއާއި މަރިޔަމް ތިބީ އެ ކުދިންނަށް ބަލާށެވެ.
" މި ކުދިން ބޮޑެތި ވެގެން މީހުންނާ އިންނަ ދުވަސް ދެކެން ބޭނުންވަނީ. އަދި މާމަކާފަ ދަރިންނަށް ހިދުމަތް ކުރަން ވަރަށް ބޭނުން. އަހަރެން ބޭނުންވަނީ
މި ތިން ކުދިން އަބަދު ވެސް އަހަރެމެންނާއެކު އުޅެން." މަރިޔަމް ބުންޏެވެ.
އެ ވަގުތު ހަސަން މަޑުމަޑުން މަރިޔަމްގެ ބުރަކަށީގައި ފިރުމާލިއެވެ.
" އަބަދުވެސް އަހަރެންދެކޭ ހުވަފެނަކީ މި ދަރިންނަކީ އަހަރެމެން ފަދައިން ވަރަށް ލޯބިން ދިރިއުޅޭނެ ކުދިންތަކަށް ވުން. އެކަކު އަނެކަކަށް އަޅާލާ، އޯގާތެރި ބަޔަކަށް ވުން. އަހަރެމެންގެ ފަރާތުން މި މިސާލުތައް ފެނި، މި ކުދިންނަކީ ވަރަށް ހެޔޮލަފާ ބަޔަކަށް ވާނެކަން އަހަންނަށް ހަމަ ޔަގީން ކުރެވޭ. އެ އާދަތައް ހަރުލީމަ އެ ކުދިން އަހަރެމެންނަށް ވެސް ވަރަށް ހެޔޮވާނެއެއްނު." ހަސަން ބުނެލިއެވެ.
އެ ވަގުތު މަރިޔަމް ހެވިފައި އިނދެ ހަސަންގެ ކޮނޑުގައި ބޯ އަޅާލިއެވެ.
އަހަރުތަކެއް ފަސް
އެއީ ހަމަ އެ ޖަނބުރޯލުގަހެވެ. ހަމަ އެ ފިނިއައްޓެވެ. އަށިމަތީ ތިބީ މަރިޔަމްއާއި ހަސަނެވެ. ނަމަވެސް ތަފާތަކީ އެ ގޭގައި އެ މަރިޔަމްއާއި ހަސަން ފިޔަވައި އިތުރު ބައެއް ނެތްކަމެވެ. މިއަދު އެ ދެ މީހުންނަކީ އެކަކު އަނެކަކުގެ އެހީ ބޭނުންވެފައި ތިބި ބައެކެވެ. ގުނަމުން ދަނީ އުމުރުން ފަސްދޮޅަހުގެ އަހަރުތަކެވެ.
" މިއަދު މި ރަށަށް އަންނަ ލޯންޗުން ތަރުކާރީއާ މޭވާ ފޮނުވާ ވާހަކަ ސާމިހު ބުނި. " މަރިޔަމް ބުންޏެވެ.
އެެއާއެކު ހަސަން ހިނިތުންވެލިއެވެ. އަދި އަތުގައި އޮތް ފޯނަށް ބަލައިލުމަށްފަހު އަނެއްކާ ވެސް އަށި މަތީ ފޯނު ބޭއްވިއެވެ.
" މި ފޯނަށް އެއިން ކުއްޖަކު ނުގުޅާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ." ހަސަން ބުންޏެވެ.
އެއާއެކު މަރިޔަމް އަވަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެން ގާތު ބައްޕަގެ ވާހަކަ އެހި. ސަލާން ބުނާށޭ ވެސް ބުންޏޭ. ސާމިހް ގުޅާލާނެ ކޮންމެ ދުވަހަކު އެއް ފަހަރު. އެކަމަކު ހާނިމްގެ ހަބަރެއް ވާނީ އަހަރެން ގުޅިއްޔާ." މަރިޔަމް ބުންޏެވެ.
" މަގޭ ސާޔާ ރަނގަޅަށް ބަލަހައްޓަން، ސާމިހްއަށް އަބަދު ވެސް ހަނދާންކޮށްދޭތި. މި އަހަރު މީހަކާ އިންނަ ވާހަކަ ބުންޏެއް ނޫންތަ؟ ކައިވެންޏަކާ ހަމައަށް ދާއިރު އިންނަނީ ކޮންކަހަލަ ކުއްޖަކާކަން ވެސް ބަލަން ޖެހޭނެ. އަހަރެމެން މުސްކުޅިވެފައި ތިއްބަސް، އަހަންނަށް އަދިވެސް ދަރިން އެކަނި ދޫކޮށްލަން ވަރަށް އުނދަގޫ." ހަސަން ބުންޏެވެ.
އެއާއެކު މަރިޔަމް ހަސަންގެ އަތުގައި ހިފާލިއެވެ. އަދި މަޑުމަޑުން ހަސަންގެ އަތަށް ފިތާލިއެވެ. ހަސަން ދެރަވާ ކޮންމެ ފަހަރަކު، މަރިޔަމް އަބަދުވެސް ހަސަންއާ އެންމެ ގާތުގައި ހުންނަކަން އޭނާއަށް އިހްސާސްކޮއްދެއެވެ.
" އިއްޔެ ގުޅާލީމަ ބުނި ދޮންބެއާއެކު އޭ އޮފީހަށް ދަނީ ވެސް. އަންނަނީ ވެސް. ދެން ސާޔާ އިންނަން އެ އުޅޭ ސޮރު ވާހަކަ ދައްކަން ވެސް އަންނަނީ ގެއަށޯ. ސާމިހު ކައިރީ ސާޔާއަށް ބަލައްޗޭ އަބަދު ބުނާކަށް ނުޖެހޭނެ. އޭނަ އެ މަންޖެ ބަލާނެ. ސާމިހުގެ އަންހެނުންނާ ވާހަކަ ދައްކާލަން ބޭނުން ވެގެން ސާމިހު ކައިރީ ބުންޏަސް އަބަދު ވެސް ބުނަނީ އޭނަ އުޅެނީ ސްކޫލްގައޭ. ޓީޗަރެއް ވީމަ ބުރަ ވާނެތާ.އަހަރެން ގުޅާލިޔަސް ބިޒީ ކޮއްލަނީ." މަރިޔަމް ބުންޏެވެ.
އެ ވަގުތު ހަސަން ބޯ ޖަހާލިއެވެ.
" އެ ކުދިން ބޮޑެތިވީމަ މާ ބޮޑަށް އެ ކުދިންގެ ކަންކަމާ ބެހޭނެ ކަމެއް ނެތޭ. މިހާރު ޒަމާން ބަދަލުވީމަ އަހަރެމެން ވިސްނާ ގޮތާ އެ ކުދިންގެ ވިސްނުން ވެސް މާ ތަފާތުވާނެ." މަރިޔަމް ވާހަކަ ދެއްކީ ހަސަންގެ ބުރަކަށީގައި ފިރުމަމުންނެވެ.
" އަހަރެން އެންމެ ދެރަވަނީ އެ ކުދިންނާ ވަކިން އުޅެން ޖެހޭތީ. ހިތަށް އަރާ އެ ކުދިން އަހަރެމެން ގެންދާނެ ނަމައޭ. މި ގެދޮރު ދޫކޮށް ވެސް އަހަރެން ދާނަން. އެ ކުދިން ކައިރީ އުޅެން އަހަންނަށް މާ ހިތްހަމަޖެހޭނެ." ހަސަން ބުނެލިއެވެ.
އެއާއެކު މަރިޔަމްގެ މޫނުމައްޗަށް ވެސް އުފާވެރިކަން ވެރިވެއްޖެއެވެ.
ނުނިމޭ
މި ވާހަކައިގެ 23 ވަނަ އެޕިސޯޑު ގެނެސް ދެވޭނީ ޢީދަށްފަހު 11 ޖޫންވާ ބުދަ ދުވަހުއެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!