ދިވެހި ފުލުހުންގެ ޚިދުމަތުން މި އަހަރު ކުރިއަށް ގެންދާ "ރައްކާ ކެމްޕެއިން" ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ތިން ކުންފުންޏަކާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތާއެކު އެއްބަސްވުމުގައި ސޮއިކުރީ އުރީދޫ މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމާޝަލް އޮފިސަރ އޮފް މޯލްޑިވްސް ހުސައިން ނިޔާޒެވެ. އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން އެގްޒެކެޓިވް ޑިރެކްޓަރ ނަސްރަތު މުޙައްމަދު ސޮއި ކުރައްވާފައިވާއިރު، އެމްޓީސީސީ ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ.
މި ރަސްމިއްޔާތުގައި، މާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި ރޯޑް ޕޮލިސް ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު އާއި އެ ތިން ކުންފުނީގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވަނީ މި އެއްބަސްވުމުގެ ދަށުން ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަނުން މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕެއިން ގެ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެހީތެރިިކަން ފޯރުކޮށްދޭނެކަމަށެވެ،
"ރައްކާ ކެމްޕެއިން" އަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަނުން ހިންގާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގެ މަޤްޞަދަކީ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމެވެ.
.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!