މިއަހަރުގެ ބޮޑު ޢީދު ފާހަގަކުރުމުގައި އިސްލާމީ ތަރަހައިގެ ތެރޭގައި ޢަމަލުތައް ބެހެއްޓުމަށާއި، އިސްލާމް ދީން ހުއްދަކޮށްފައިވާ ގޮތުގެ މަތީން ޢީދު ފާހަގަކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްދިނުމަށް ސިޓީތަކާއި އިދާރީ ހިންގުމާއި، ޢާންމު ކަންމާއި ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

ސިޓީ ތަކާއި އިދާރީ ހިންގުމާއި ޢާންމު ކަންކަމާއި ބެހޭ ވުޒާރާއިން އިއްޔެ ނެރެއިފައިވާ ބަޔާނުގައި ވަނީ، އިސްލާމީ ހަމަތަކުގެ ތެރޭގައި ޢީދު ފާހަގަކުރުމާއި ދިވެހި ކުދި ބޮޑު އެންމެން ޢީދުގެ އުފަލުގައި ބައިވެރިވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށެވެ.

Ad
rt

އެގޮތުން އިސްލާމީ އުޞޫލުތަކާއި ޙުދޫދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރަށެއްގައިވެސް ޢީދު ކުޅިވަރުތަކާއި ހަރަކާތްތައް ރާވައި ހިންގުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެއް ކަމަށެވެ.

އެ ވުޒާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މިއަހަރު ބޮޑު ޢީދު ފާހަގަކުރުމުގައި އިސްލާމީ ތަރަހައިގެ ތެރޭގައި އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ޢަމަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ޢީދު ލައިޓް ދިއްލުމުގެ އިތުރުން، ރަށްރަށުގައި އެކި ކުޅިވަރު މުބާރާތްތަކާއި ސަގާފީ ހަރަކާތްތައް ބޭއްވުމަށްވެސް ރޭވިފައިވެއެވެ.

މިގޮތުން މިއަހަރު ޖުމްލަ 65 ރަށެއްގައި ޢީދު ލައިޓް ދިއްލާލާނެކަމަށް ސިޓީތަކާއި އިދާރީ ހިންގުމާއި، ޢާންމު ކަންމާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެފަވެއެވެ. ވަޒީރު ވިދާޅުވެފައި ވަނީ، ޢީދު ލައިޓް ދިއްލާ ރަށްތަކުގެ ތެރޭގައި ހިމެނެނީ 1445 ވަނަ އަހަރު ޢީދު ލައިޓް ފޮނުވި 29 ރަށާއި، މި ަހަރު އަލަށް ޢީދު ލައިޓް ފޮނުވާ 36 ރަށުގައި ކަމަށެވެ. އަދި މިއީ ކުރީ އަހަރުތަކާ އަޅާބަލާއިރު ޢީދު ލައިޓް ދިއްލާ ރަށްތަކުގެ އަދަދު އިތުރުވެފައިވާކަމަށް ވަޒީރު ފާހަގަކުރަށްވާފަވެއެވެ.