ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަކޮށް ދޫކުރާ "ފަށާ މަދަދު ލޯނު" ސްކީމްގެ ދެވަނަ ފިޔަވަހި މި މަހުގެ 15 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން މިއަދު ހާމަކޮށްފިއެވެ.

އެސްޑީއެފްސީ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ލޯނު ސްކީމްގެ ދެވަނަ ފިޔަވަހީގެ އެޕްލިކޭޝަން ބަލައިގަތުން މި މަހުގެ 15 ވަނަ ދުވަހު ފަށައި، އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

Ad
rt

އެޕްލިކޭޝަން ހުށަހެޅުމަށް ޚާއްޞަކޮށްފައިވާ އޮންލައިން ޕޯޓަލް އެސްޑީއެފްސީގެ ވެބްސައިޓުގައި ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި ލޯނު ސްކީމަށް ޖުމްލަ 100 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ކޮންމެ ފިޔަވަހަކަށް 20 މިލިއަން ރުފިޔާ ޚާއްޞަކޮށްފައިވެއެވެ. އަދި މީގެ 25 ޕަސެންޓް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ކަމަށް އެސްޑީއެފްސީން ހާމަކޮށްފައިވެއެވެ.

"ފަށާ މަދަދު ލޯނު" ގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ދޫކުރެވޭނެއެވެ. މި ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެ އަދި 7 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެސްޑީއެފްސީން ބުނެފައިވެއެވެ.

އެސްޑީއެފްސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ލޯނުގެ ފުރަތަމަ ފިޔަވަހި މިދިޔަ އަހަރު ހުޅުވާލައި، އޭގެ ދަށުން 63 މީހަކަށް ލޯނު އެޕްރޫވްކޮށް، ލޯނުގެ ފައިސާ ދޫކުރަމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ހަތަރު މީހަކު ވެސް ހިމެނެއެވެ.
ފުރަތަމަ ފިޔަވަހީގައި މާލެ ސަރަހައްދު ހިމެނޭ ގޮތަށް 16 އަތޮޅަކަށް ލޯނު ދޫކޮށްފައިވަނީ ތަފާތު 13 ބާވަތުގެ ވިޔަފާރި ހަރަކާތްތަކަށެވެ. މީގެ ތެރޭގައި ހޯލްސޭލް، ރީޓެއިލް، ކާބޯތަކެތި ޓޭކްއަވޭ ޚިދުމަތް، ފުޑް ފެކްޓަރީ، ފެހުން އަދި ސެލޫން ފަދަ ވިޔަފާރިތައް ހިމެނެއެވެ.