މަލިކުގެ ސްކޫލުތަކުގައި ދިވެހި ބަސް ކިޔަވައިދިނުން މަނާކުރުމާ ގުޅިގެން މުޒާހަރާ ފަށައިފިއެވެ.

މަލިކުގެ ސްކޫލުތަކުގައި ދިވެހި ބަސް (މަހަލް) ކިޔަވައިނުދޭން އިންޑިޔާގެ ލަކްޝަދީބުގެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ނިންމުމާ ގުޅިގެން، މަލިކު ރައްޔިތުން މިހާރު އިހުތިޖާޖީ މުޒާހަރާއެއް ކުރަމުންދާއިރު، މި މުޒާހަރާގައި ރައްޔިތުން ގޮވާލަނީ ކަރިކިއުލަމްގެ ތެރެއަށް އަލުން ދިވެހި ބަސް ހިމަނައިދިނުމަށެވެ.

Ad
rt

އިންޑިޔާގެ ތަޢުލީމީ ވުޒާރާއިން ނެރެފައިވާ އަމުރުގައި ވަނީ ލަކްޝަދީބުގެ ސްކޫލުތަކުގައި ބަސް ކިޔަވައިދިނުމުގެ އައު އުސޫލުތަކެއް ކަނޑައަޅާފައެވެ. މި އުސޫލުތަކުގެ ދަށުން މަލިކު-މީޑިއަމް ސްކޫލުތަކުގައި (ކެރަލާ ޕެޓާން) ގްރޭޑް 1-5 ގައި މަލައާލަމް އަދި ގްރޭޑް 6-8 ގައި އިނގިރޭސި ކިޔަވައިދޭން ނިންމާފައިވާއިރު، ދިވެހި ބަސް ހިމަނާފައެއް ނުވެއެވެ.

މި ނިންމުމަކީ 2020 ވަނަ އަހަރުގެ ނޭޝަނަލް އެޑިޔުކޭޝަން ޕޮލިސީގެ ލަފާގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް މަލިކު ރައްޔިތުން ދެކޭގޮތުގައި މިއީ އެ ސަރަހައްދުގެ ދިވެހި ބަހުގެ ތަރިކަ ނައްތާލުމަށް އެޅޭ ފިޔަވަޅެކެވެ.

މުޒާހަރާގައި ބައިވެރިން "ދިވެހި ބަސް ސަލާމަތްކުރާށޭ" އަދި "އަޅުގަނޑުމެންގެ ބަސް އަޅުގަނޑުމެންގެ ޙައްޤެކޭ" ފަދަ ބެނާތައް ހިފައިގެން ތިއްބެވެ. މަލިކު ރައްޔިތުންގެ މި އިހުތިޖާޖަކީ އެ ސަރަހައްދުގެ ބަހާއި ސަގާފަތް ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ލަކްޝަދީބުގެ ސަރުކާރުން މިހާތަނަށް މި މައްސަލައާ ގުޅޭގޮތުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް މުޒާހަރާ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާކަން ފާހަގަކުރެވެއެވެ.