ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާއި ރައްޔިތުން، އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހިވަންތަކަން ހިފެހެއްޓުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ބޭރު ޤައުމުތަކުގައި ދިރިއުޅޭއިރު ބައެއް ފަހަރު ދީނުގެ ހަމަތައް ދޫކޮށްލެވޭ ކަމަށް ފާހަގަކުރައްވައި، އިސްލާމްދީނުގެ ހުދޫދުތަކުން ބޭރުވުމުން އެއްވެސް އުފަލެއް ނުލިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި ދަރިވަރުންގެ ތަޢުލީމީ ކުރިއެރުމަށް ހިތްވަރު ދެއްވައި، އަމިއްލަ ނަފްސަށާއި، ޢާއިލާއަށާއި، ޤައުމަށް ރީތި ނަން ހޯދައިދިނުމަށް ބާރުއެޅުއްވިއެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ދިވެހި އައި.ޑީ ކާޑުގެ ޚިދުމަތާއި، ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓްގެ ޚިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވައި، އަދި "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އިފްތިތާޙްކޮށްދެއްވާފައެވެ.
މީގެ އިތުރުން، އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން އެ އެސޯސިއޭޝަނަށް އަހަރަކު 3،000 އެމެރިކާ ޑޮލަރަށްވާ މެލޭޝިއާ ރިންގިޓް ދެއްވާނެ ކަމަށްވެސް އިޢުލާންކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ދުނިޔޭގެ ކޮންމެ ތަނެއްގައި ދިވެހިން ދިރިއުޅުނު ނަމަވެސް، ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އަދި ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތް އިތުރަށް ފުޅާކޮށް، ފުރިހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅަކީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!