ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓު (ސައޫދީ ފަންޑް)ގެ އެންމެ އިސްވެރިޔާ، ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް އަރުވައިފިއެވެ.
ދިވެހި ދައުލަތުން އަރުވާ ޢިއްޒަތް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ.
ސަޢޫދީ ފަންޑްގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުމަށް ރައީސް މުޢިއްޒު ކަނޑައެޅުއްވީ، ސަޢޫދީ ފަންޑުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށާއި، ރައްޔިތުންގެ ޢާންމު ޙާލަތު ކުރިއެރުވުމަށް، ވަރަށް ފުޅާ، ދާއިރާއެއްގައި ވެދެއްވާފައިވާ އަދި މިހާރުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، އެއްބާރުލެއްވުމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް، ސައޫދީ ފަންޑްގެ ވެރިޔާ އަށް މިޝަރަފް އަރުވައިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!