ކަނޑުއަޑީގެ ކޭބަލްތައް ބުރިކުރެވޭ ވަރުގެ ގާބިލްކަން ހުރި އާ އާލާތެއް ޗައިނާއިން އުފައްދައިފިއެވެ.

ޗައިނާއިން އުފައްދާފައިވާ ޓޫލްގެ ސަބަބުން ކަނޑުއަޑީގެ ކޭބަލްތަކަށް ނުރައްކާވެއްޖެކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.

Ad
rt

މި އާލާތަކީ ކަނޑުއަޑީގައި 4،000 މީޓަރުގެ ފުންމިނުގައި ހުންނަ ކޭބަލްތައް ކަނޑާލުމުގެ ޤާބިލުކަން ލިބިފައިވާ އާލާތެކެވެ.

ޗައިނާގެ ސަރުކާރުން ބުނެފައިވަނީ މިއީ ސިވިލް ބޭނުންތަކަށް އުފައްދާފައިވާ އާލާތެއް ކަމަށެވެ. ނަމަވެސް، މި އާލާތުގެ ސަބަބުން ސަލާމަތީ ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ކަނޑުއަޑީގެ ކޭބަލްތަކަކީ ދުނިޔޭގެ އިންޓަނެޓް ޓްރެފިކް އާއި މާލީ މުޢާމަލާތްތަކާއި ޑިޕްލޮމެޓިކް މުވާސަލާތުތައް ގެންދާ މުހިންމު ވަސީލަތްތަކެކެވެ.

ދުނިޔޭގެ ކަނޑުއަޑީގެ ކޭބަލް ނެޓްވޯކްގެ ދިގުމިނަކީ ގާތްގަނޑަކަށް 870،000 މޭލެވެ. މި ނެޓްވޯކްގެ ބޮޑުބައެއް މިލްކުކުރަނީ އަމިއްލަ ކުންފުނިތަކުންނެވެ. އެގޮތުން، އެމެޒޯން، ގޫގުލް އަދި މައިކްރޯސޮފްޓް ފަދަ ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތަކުން މި ނެޓްވޯކްގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ކޮންޓްރޯލްކުރެއެވެ.

ފާއިތުވި އަހަރުތަކުގައި ކަނޑުއަޑީގެ ކޭބަލްތަކަށް ގެއްލުން ލިބޭ ހާދިސާތައް އިތުރުވެފައިވެއެވެ. އެގޮތުން، ތައިވާނުން ރިޕޯޓުކޮށްފައިވާ ގޮތުގައި 2018 އިން ފެށިގެން ޗައިނާގެ އުޅަނދުފަހަރުން 27 ފަހަރު ކަނޑުއަޑީގެ ކޭބަލްތަކަށް ގެއްލުން ދީފައިވެއެވެ. އޭގެ ތެރޭގައި 2025 ގެ ޖަނަވަރީ މަހު ހިނގި ހާދިސާއެއްވެސް ހިމެނެއެވެ.

ޗައިނާއާއި ހުޅަނގުގެ ގައުމުތަކާ ދެމެދު އޮތް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި މިފަދަ ވަސީލަތެއް އުފައްދާފައިވާއިރު، މިފަދަ މުހިންމު ވަސީލަތްތައް ރައްކާތެރިކަމާއިއެކު ބޭނުންކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން ބޭނުންވާނެއެވެ. ނަމަވެސް، މިހާރުގެ ބައިނަލްއަޤްވާމީ ސިޔާސީ މަޝްރަޙުގައި މިކަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ބެލެވެއެވެ.