ރައީސް ޑރ. މުހައްމަދު މުއިއްޒު، "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު" ގެ ނަމުގައި އިދާރާއެއް އުފައްދަވައިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދައިގެ ދަށުން ރައީސުލްޖުމަހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޙްތިޔާރުގެ ދަށުން އުފެއްދެވި މިއިދާރާ، "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު" އުފައްދަވައި، 8 އޭޕްރީލް 2025 ގައި ރައީސް އޮފީހުގެ ދެންނެވުން މެދުވެރިކުރަށްވައި އެކަން ވަނީ ޢިއުލާންކުރަށްވާފައެވެ.
ރައީސް ކަނޑައަޅުއްވާފައިވާ ގޮތުގައި މި އިދާރާ ހިނގަމުން ދާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުންނެވެ.
މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ބޯޑު ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤުކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ފެނިވަޑައިގަންނާތީ ކަމުގައި ސަރުކާރުން ވަނީ ބުނެފައެވެ.
މި ބޯޑުން ކުރިއަށް ގެންދަވާނެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތައް ތަހުޤީޤުކޮށް އެފަދަ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުން ދެނެގަނެ، މި ތަހުޤީޤުތަކުން ހޯދޭ ހޯދުންތަކަށް ބިނާކޮށް ފަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ހަރުދަނާކޮށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.
މީގެ އިތުރުން ދަތުރުފަތުރުގެ ނިޒާމަށްވެސް ގެންނަަންޖެހޭ ބަދަލުތައް ގެނައުމަށް ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި އެހީތެރިކަން ފޯރުކޮށްދީ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ ސަލާމަތީ މައްސަލަތައް ދެނެގަތުމަށް ދިރާސާތަކާއި ތަހުލީލުތައްކޮށް، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުތަކަށް ދިމާވާ އެކްސިޑެންޓްތަކާ ގުޅިގެން ބާއްވަންޖެހޭ އާންމު އަޑުއެހުންތައް އިންތިޒާމުކުރުމުގެ އިތުރުން ދިމަވާ އެކްސިޑެންޓްތަކުގެ ތަހުޤީޤުތަކާ ގުޅިގެން އާންމުކުރަންޖެހޭ މައުލޫމާތުތައް އާންމުކުރުމާއި ރިޕޯޓުތައް ޝާއިޢުކުރުން ބޯޑުގެ މަސައްކަތްތަކުގައި ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!