މިޔަންމާގައި ކުރިމަތިވި ބޮޑު ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 3,471 އަށް އަރައިފިކަމަށް އެ ޤައުމުގެ ސަރުކާރުގެ މީޑިއާއިން ހާމަކޮށްފިއެވެ. މާރިޗު 28 ވަނަ ދުވަހު ކުރިމަތިވި މި 7.7 މެގްނިޓިއުޑްގެ ބިންހެލުމުގައި 4,671 މީހުން ޒަޚަމްވެފައިވާއިރު، 214 މީހުން ގެއްލިފައިވާކަމަށް ވެސް ބުނެފައިވެއެވެ.
ސަލާމަތްކުރުމުގެ މަސައްކަތްތަކުގައި ޝާމިލްވާ މިޔަންމާގެ އަދި ބޭރުގެ ޓީމުތަކުން މިހާތަނަށް ވަޅުލެވިފައިވާ 653 މީހުން ސަލާމަތްކޮށްފައިވާއިރު، 682 މަރުވެފައިވާ މީހުންގެ ހަށިގަނޑު ނަގާފައިވާކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.
ބިންހެލުމުގެ މައި މަރުކަޒާ ކައިރި މަންޑަލޭ ސިޓީއަށް ޒިޔާރަތްކުރި އދ.ގެ އެންމެ އިސް އެހީގެ އޮފިޝަލް ޓޮމް ފްލެޗަރ ވަނީ މި ހާދިސާގެ ނަތީޖާ "ހައިރާންކުރުވަނިވި" ކަމަށް ބުނެފައެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުން މިޔަންމާގެ ރައްޔިތުންނަށް އެހީތެރިވުމަށް ގޮވާލާފައިވެއެވެ.
އެހީދޭ ޖަމާޢަތްތަކުން ބުނާ ގޮތުގައި ގަދަ ވިއްސާރައާއި ހޫނުގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ މީހުންގެ މެދުގައި ކޮލެރާ ފަދަ ބަލިތައް ފެތުރުމުގެ ނުރައްކާ އެބައޮތެވެ.
މި ބިންހެލުމުގެ ސަބަބުން ބަންދުކުރެވުނު ޔަންގޫން-މަންޑަލޭ ރެއިލްވޭ ލައިނާއި މަންޑަލޭ އިންޓަނޭޝަނަލް އެއަރޕޯޓް މިހާރު ވަނީ އަލުން ހުޅުވާލެވިފައެވެ. ބިންހެލުމުގެ ސަބަބުން ޔަންގޫން-މަންޑަލޭ ލައިނުގެ 60 ބޭންކްމަންޓާއި 11 ރެއިލްވޭ ބްރިޖަށް ގެއްލުން ލިބުނެވެ.
އަވައްޓެރި ތައިލެންޑުގައި މި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 24 އަށް އަރާފައިވާއިރު، 77 މީހުން ގެއްލިފައިވާކަމަށް ވެސް ރިޕޯޓުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!