އުރީދޫ މޯލްޑިވްސް އަށް 15 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތައް ރޭ އިފްތިތާހްކޮށްފި އެވެ.
ހޮޓެލް ޖެންގައި މި ހަފްލާ ބޭއްވިގެން ދިޔައީ އުރީދޫ މޯލްޑިވްސްގެ ކާމިޔާބު 15 އަހަރުގެ ތެރޭގައި ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމްކޮށް، ދިވެހިންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދިނުމުގައި ކުރަމުން އައި ބުރަ މަސައްކަތުގައި ބައިވެރިވެފައިވާ ޕާޓްނަރުންގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. އެގޮތުން، މި ހަފްލާގައި އުރީދޫ އިން ވަނީ، ކުންފުނީގެ މަސައްކަތްތަކުގައި އެއްބާރުލުންދީ، ތަފާތު އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ އެންމެ ގާތް ޕާޓްނަރުން ފާހަގަކޮށް، ހަނދާނީ ފިލައެއް ދީފަ އެވެ.
އުރީދޫ ރާއްޖެ އަށް ތައާރަފްވެގެން ދިޔައީ އޮގަސްޓް 1، 2005 ގަ އެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އުރީދޫ އިން އަންނަނީ ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެންމެ ކުރީ ސަފުގައި މަޑުޖެހުމެއް ނެތި ހަރަކާތްތެރިވަމުންނެވެ. ރާއްޖޭގެ މުވާސަލާތީ ދާއިރާ އަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނެސް، ތަފާތު ބޮޑެތި އިންވެސްޓްތަކާ އެކު އުރީދޫގެ ކަސްޓަމަރުންނަށް އާ އީޖާދީ ހިދުމަތްތަކެއް ތައާރަފުކޮށް، ރާއްޖޭގެ މުވާސަލާތީ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދީފައިވެ އެވެ.
އެންމެ ބާރު ސްޕީޑުގެ 3ޖީ އަދި 4ޖީ ރާއްޖެ އަށް ތައާރަފް ކުރީ އުރީދޫ އިންނެވެ. މީގެ އިތުރުން، 2018 ވަނަ އަހަރު އުރީދޫ އިން ވަނީ ރާއްޖޭގައި މިހާތަނަށް ތައާރަފްކުރެވިފައިވާ އެންމެ ހަލުވި ސްޕީޑުގައި 5ޖީގެ ހިދުމަތުގެ ޑެމޯއެއް ދައްކާލާފަ އެވެ. ޑިޖިޓަލް ރާއްޖެއެއް ގާއިމް ކުރުމުގެ އަމާޒުގައި 2019 ވަނަ އަހަރު ވެސް އުރީދޫ އިން ވަނީ އީސިމް، އެޗްޑީ ވޮއިސް އަދި ވައިފައި ކޯލިންގެ ހިދުމަތް ވެސް ރާއްޖެ އަށް މުޅިން އަލަށް ތައާރަފު ކޮށްފަ އެވެ.
އުރީދޫގެ މައި ޕާޓްނަރުންގެ އަގު ވަޒަންކުރުމަށް ބޭއްވި ހަފްލާގައި މި އަހަރުކުރުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ވަނީ އިއުލާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި، ނިރު އެކްސެލެރޭޓާ ޕްރޮގްރާމްގެ އާ ބުރެއް ފެށުމާއި ހދ. ކުޅުދުއްފުށީގައި ކަލަ ރަން ބޭއްވުން ހިމެނެ އެވެ.
ބްރޭންޑް އެމްބެސަޑަރަކަށް މާޒިޔާ
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަކީ 1996 ވަނަ އަހަރު ދިވެހި ފުޓުބޯޅައިގެ މައިދާނަށް އުފަންވެ، މިއަދާ ހަމަ އަށް އައިއިރު ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީތަކާއި ކުރިއެރުން ހޯދާފައިވާ ކްލަބެކެވެ. މިދިޔަ 2015 ވަނަ އަހަރު މާޒިޔާ ސްޕޯޓްސް ރިކްރިއޭޝަން ކްލަބުން ވަނީ މާޒިޔާ ސްޕޯޓްސް ފުޓްބޯލް އެކެޑަމީއެއް ގާއިމްކޮށް، ފުޓްބޯޅައިގެ ދާއިރާއިން މީހުން އުފެއްދުމުގެ މަސައްކަތް ފަށާފަ އެވެ. މިގޮތުން، އެކި އުމުރުފުރަ އިން ފުޓުބޯޅަ ކުޅެން ޝައުގުވެރިވާ ކުދިންނަށް ތަޖުރިބާކާރު ޓްރޭނަރުންނާ އެކު ފުޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދީ ތަމްރީންކޮށް މި ދާއިރާ އަށް ފުރުސަތު ހުޅުވާލަ ދީފައިވެ އެވެ.
ރޭގެ ހަފްލާގައި އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް މާޒިޔާ ސްޕޯޓްސް ކްލަބް ހަމަޖެހިގެން ދިއުމަކީ ރާއްޖޭގެ ފުޓްބޯޅަ އަށް މާޒިޔާ ސްޕޯޓްސް ކްލަބް އާއި އުރީދޫ ގުޅިގެން ފުޓްބޯޅައިގެ ދާއިރާ އަށް ފައިދާ ކުރާނެ މަސައްކަތްތަކެއް ކުރުމުގެ ދޮރެއް ހުޅުވިގެންދާނެ ކަމަށް އުރީދޫން ބުނެ އެވެ.
މީގެ އިތުރުން، މިހާރު ވެސް އުރީދޫގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ހަބޭސް ބޮޑުބެރު ކުރިއަށް އޮތް އަހަރަށް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖެހިގެން ދާކަން ވެސް ރޭ ވަނީ އިއުލާންކޮށްފަ އެވެ.
ފާއިތުވި ހަތަރު އަހަރު ހަބޭސް ބޮޑުބެރު ވަނީ އުރީދޫގެ އެކިއެކި ހަފްލާތަކުގެ ފޯރި ގަދަކޮށް، އިތުރު ފުރިހަމަކަމެއް ގެނެސްދީފަ އެވެ.
ނިރު އެކްސެލެރެޓާ 2.0
އުރީދޫ އިން 2018 ވަނަ އަހަރު ފަށައިފައިވާ ނިރު އެކްސެލެރެޓާ ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި މި އަހަރު ފެށިގެންދާނެ އެވެ.
ނިރު އެކްސެލެރޭޓާ އަކީ ދިވެހި މުޖުތަމައަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެ އަށް ވަންނަ ޒުވާނުންނަށާއި ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި އެކްސެލެރޭޓާ ޕްރޮގްރާމުގައި ބައިވެރިވެވެނީ، ނިރު ހެކަތަންގައި ވާދަކޮށް ހޮވޭ ޓީމްތަކަށެވެ.
އެކްސެލެރޭޓާ އަށް ހޮވޭ ޓީމްތަކަށް ސީޑް ފަންޑިން، މަސައްކަތް ކުރާނެ ކޯ-ވޯކިން ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި އެކްސްޕާޓުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވޭނެ އެވެ.
ނިރު ހެކަތަން ބާއްވަން ހަމަޖެހިފައިވަނީ އޭޕްރިލް 17 އަދި 18 ގަ އެވެ. ބައިވެރިވާން ބޭނުންވާ ޓީމްތަކަށް ރެޖިސްޓާވުމުގެ ފުރުސަތު ފެބްރުއަރީ މަހު ހުޅުވިގެންދާނެ އެވެ.
އުރީދޫ ކަލަ ރަން 2020
އުރީދޫގެ ފާހަގަ ކޮށްލެވޭ އެންމެ ކުލަގަދަ ހަރަކާތް، އުރީދޫ ކަލަ ރަން ރާއްޖޭގެ އެކި ހިސާބުތަކަށް ގެންގޮސް އެންމެހާ ދިވެހިންނާ އެކު ބޭއްވުމުގެ ގޮތުން، އުރީދޫ ކަލަ ރަން 2020 މި އަހަރު ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތް ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން 29 ގަ އެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްފަދަ އިން ހުޅުމާލެގައި ވެސް އުރީދޫ ކަލަ ރަން ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ރަން ބޭއްވިގެން ދާނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ކުޅުދުއްފުށީގައި ބާއްވާ ކަލަ ރަން އަށް ރެޖިސްޓާ ވުމަށް އުރީދޫގެ ސޯޝަލް މީޑިޔާގައި އިއުލާންކުރެވިގެންދާނެ އެވެ.
ސައިބަ ސޭފްޓީ ޕްރޮގްރާމް
އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމާއި ތަރައްގީ ފަހިކޮށްދިނުމުގައި ދެވަނައެއް ނުވާ، އިންޓަނެޓްގެ ހިދުމަތް މެދުވެރިކޮށް ގިނަ ފުރުސަތުތަކެއް ހުޅުވާލެވިގެންދެ އެވެ. އާންމު ދިރިއުޅުމުގައި އިންޓަނެޓްގެ ދައުރު ދުވަހުން ދުވަހަކަށް ފުޅާވަމުންދާއިރު، ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އިންޓަނެޓުން މަންފާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އުރީދޫ އިން ގިނަ މަސައްކަތްތަކެއް ކުރަމުންދެ އެވެ. މިގޮތުން އުރީދޫ އިން ވަނީ، އަމާން މާހައުލެއްގައި، އިންޓަނެޓުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށްޓަކައި މުޖުތަމައަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުހިއްމު މަސައްކަތްތަކެއް ފަށާފަ އެވެ.
ފުލުހުންނާއި ޔޫތު މިނިސްޓްރީއާ ގުޅިގެން، އުރީދޫ އިން މިއަދު ވަނީ ސައިބަ ސޭފްޓީ ޕްރޮގްރާމެއް ފަށާފަ އެވެ. މިގޮތުން، ކުޑަކުދިން، ޒުވާނުން، މައިންބަފައިން އަދި އިސްރަށްވެހިންނަށް ހާއްސަ އިސްކަމެއްދީގެން، މި ޕްރޮގްރާމް މެދުވެރިކޮށް ސައިބަ ސޭފްޓީގެ މުހިއްމުކަން، ހުޝިޔާރުވާން ޖެހޭ ކަންކަމާއި ސައިބަ ސޭފްޓީ ޓޫލްތައް އަދި އިންޓަނެޓް ބޭނުންކުރުމުގައި ދަމަހައްޓަންޖެހޭ މިންގަނޑުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.
ހަމައެހެންމެ، ޕްރޮގްރާމުގެ ޕާޓްނަރުންނާ ގުޅިގެން، ދިވެހި މުޖުތަމައުގައި ދިމާ ވަމުންދާ ތަފާތު "ސައިބަ ކްރައިމްސް" އަށް ހައްލު ހޯދުމަށް މަސައްކަތްކުރާނެ އެވެ. މައުލޫމާތު އިތުރު ކޮށްދީ، ތަމްރީންދިނުމާ އެކު، މި ޕްރޮގްރާމްގެ އަމާޒަކީ ޑިޖިޓަލް ދުނިޔޭގެ އެންމެހާ މަންފާތައް ހޯދުމުގައި ދިވެހި އާއިލާތަކަށް އަމާން، ރައްކާތެރި އަދި އުފާވެރި މާހައުލެއް ގާއިމްކޮށްދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!