މާލެ ސަރަހައްދުގައި ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަކަމަށް 60 ތަނެއް ފާހަގަކުރެވިފައިވާކަމަށާއި، މިއަހަރުގެ މިހާތަނަށް 14 ތަނެއް ބަންދުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އަޙުމަދު ނާއިފް ވިދާޅުވެފައި ވަނީ މިއަހަރުގެ މާރިޗު 15 ވަނަ ދުވަހާ ހަމައަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މިފަދަ 14 ތަނެއް ބަންދުކުރެވިފައިވާ ކަމަށެވެ.

Ad
rt

މިވަގުތު މާލޭގައި މިފަދަ 6 ތަނެއް އަދިވެސް އޮޕަރޭޓްވަމުންދާ ކަމަށާއި، އެތަންތަން ބަންދުކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް އިތުރަށް ވިދާޅުވިގޮތުގައި، މިހާތަނަށް މާލެއިން ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަކަމަށް 60 އަށްވުރެ ގިނަ ތަނެއް ވަނީ ފާހަގަކުރެވިފައެވެ.

މިފަދަ ތަންތަން ބަންދުކުރުމުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ގޭގެ ބެހެނިވެރިން އިތުރުވުމާއި، އާއިލީ މީހުން ހެކިބަސް ދިނުމުގައި ފަސްޖެހުމާއި، ގިނަ ބަޔަކަށް އެގްރިމަންޓްކޮށްފައި ހުރުމުން ފިޔަވަޅު އަޅަންޖެހޭ ފަރާތް ދެނެގަތުމުގައި ހުރި ދަތިތައް ހިމެނޭކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ފާހަގަކުރެއްވިއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު ނާޢިފް ވިދާޅުވިގޮތުގައި، މިފަދަ ތަންތަން ބަންދުކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން ހުރި ހުރަސްތަކެވެ. މިކަން ހައްލުކުރުމަށްޓަކައި، މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި އިސްލާހުތަކުގެ ތެރޭގައި، މިފަދަ ތަންތަން ކޯޓު އަމުރަކާ ނުލައި 72 ގަޑިއިރަށް ފުލުހުންނަށް ބަންދުކުރެވޭ ގޮތަށް ހަމަޖެއްސުމާއި، ގިނަވެގެން 90 ދުވަހަށް ބަންދުކުރުމަށް ކޯޓަށް އަމުރުކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލަތައް ހައްލުކުރުމަށް އާންމުންގެ އެހީތެރިކަން މުހިންމެވެ. އެގޮތުން، އާއިލީ މީހަކު ނަމަވެސް އޭނާ ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައި އެފަދަ ތަންތަން ހިންގުމުގެ ފުރުސަތު ނުދިނުމާއި، ގެތައް ކުއްޔަށްދޭއިރު ސަމާލުވުމަކީ ކުރެވިދާނެ ކަންކަމެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކުއްޔަށް ދީފައިވާ ތަންތަނުގައި މިފަދަ ޢަމަލެއް ހިންގާކަން ފާހަގަވާނަމަ، ވަގުތުން އެކަން ހުއްޓުވުމަކީ ޤާނޫނުތަކުން އެތަނުގެ ވެރިފަރާތުގެ މައްޗަށް ލާޒިމުކުރާ ކަމެއްކަން ވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.