އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓް، މަރިޔަމް ޒުބެއިރު (މަންދީ) ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގެ ތުހުމަތުގައި 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި، ގއ. ދާންދޫ / ސުލްޓާން ވިލާ، އަޙްމަދު ރިޝްމާ (20 އަހަރު) ވަނީ ކޯޓު އަމުރެއްގެ ދަށުން 2025 މާރިޗު 27 ވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި މައްސަލަ ދަނީ ތަޙުޤީޤުކުރަމުންނެވެ.
ހެލްމެޓް އަޅައިގެން ސައިކަލުގައި ދިޔަ ބަޔަކު މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ، 16 މާރިޗް 2025 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ މުޒާހަރާ ނިންމާފައި އޭނާ ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގައެވެ.
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައެވެ. އެކަމަނާ ވިދާޅުވިގޮތުގައި އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫނެވެ. އަދި ކަންކަން ހަލަބޮލި ނުކުރައްވައި، އިންސާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށް އެ ކަމަނާ އިލްތިމާސް ކުރައްވާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!