ދިވެހި މުޖުތަމަޢު ދުންފަތާ ދުރުކުރުމަށްޓަކައި، ޚާއްޞަކޮށް ދުންފަތުގެ އިސްތިޢުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް މިއަދު މިއަދު ފައްޓަވާފައިވާއިރު، މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުން ކޮންޓްރޯލްކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި އަދި ކުރިއަށް އޮތް ތަނުގައި އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ތަފްޞީލުކޮށް ވާހަކަފުޅު ދައްކަވާފައެވެ.
"ޖެނެރޭޝަން ބޭން" ގެ މަޤްޞަދަކީ އަލަށް ދުންފަތުގެ އިސްތިޢުމާލުކުރުމަށް ވަންނަ ކުދިން، އެކުދިންގެ މުޅި ހަޔާތް އެކަމުން ދުރުކޮށް ސަލާމަތްކުރުމަށް ބާރުއެޅުންކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްޞީލު ފަހުން ޙިއްޞާކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޖެނެރޭޝަން ބޭން އަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރަން އަލަށް ފަށާ ފަރާތްތައް މަދުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެކެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ވަކި އުމުރަކަށްވުރެ ހަގު ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވެގެންދާނެއެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުންކަމަށް ފާހަގަކުރައްވާފައެވެ. މިގޮތުން، ތަރުކާރީއާއި މޭވާގެ ބާވަތބާވަތްތައް އަގުހެޔޮކޮށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!