ގޫގުލްއިން އެ ކުންފުނީގެ ޖެމިނައި އޭއައި އަށް އިތުރު ފީޗަރެއް ތަޢާރަފުކޮށް، ސާރޗް ހިސްޓްރީ ބޭނުންކުރެވޭގޮތް ހަދައިފިއެވެ.
މި ފީޗަރގެ ސަބަބުން ޔޫޒަރުންގެ ސާރޗް ހިސްޓްރީ ބޭނުންކޮށްގެން އެ ފަރާތްތަކަށް އަމާޒުކޮށްގެން ރަނގަޅު ޖަވާބުތައް މިހާރު ޖެމިނައި އަށް ދެވޭނެއެވެ.
ޖެމިނައި 2.0 ފްލޭޝް ތިންކިންގ މޮޑެލްއިން ބާރުލިބިގެން ތަޢާރަފުކޮށްފައިވާ މި ފީޗަރގެ ސަބަބުން ޖެމިނައި އަށް ގޫގުލްގެ އެހެނިހެން އެޕްތަކާއި ޚިދުމަތްތަކާ ގުޅުވައިގެން ރަނގަޅު ޖަވާބުތައް ދެވޭނެއެވެ. މީގެ ސަބަބުން ވަގުތު ސަލާމަތްވެ، ބޭނުންތެރި މަޢުލޫމާތު އަވަހަށް ލިބޭނެކަމަށް ގޫގުލްއިން ބުނެފައިވެއެވެ.
މިހާރު ޖެމިނައި އަށް ލިބެނީ ހަމައެކަނި ސާރޗް ހިސްޓްރީއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ޖީމެއިލް، ކަލަންޑަރ އަދި ޑްރައިވް ފަދަ އެހެނިހެން ޚިދުމަތްތަކާވެސް ގުޅުވުމަށް ރޭވިފައިވާ ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.
މި ފީޗަރ އިޚްތިޔާރީ ކަމެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ، ޔޫޒަރުން އަމިއްލައަށް މި ފީޗަރ އޮން ކުރަންޖެހޭނެއެވެ. މިކަން ކުރުމަށްޓަކައި ޖެމިނައި އެޕް ހުޅުވައި، ސެޓިންގްސްއިން "ޕަރސަނަލައިޒޭޝަން" އިޚްތިޔާރުކުރަން ޖެހޭނެއެވެ.
ގޫގުލްއިން ބުނެފައިވާ ގޮތުގައި މި ފީޗަރ ބޭނުންކޮށްގެން އައު ޚިޔާލުތައް ހޯދުމާއި، އަމިއްލަ ޝައުޤުތަކާ ގުޅޭ ހުށަހެޅުންތައް ލިބުމާއި، އަވަހަށް ޖަވާބު ލިބުން ފަދަ ކަންކަމުގައި ފައިދާކުރާނެއެވެ. އަދި ކުރިން ކޮށްފައިވާ ސާރޗްތަކުން ފައިދާއެއް ނުކުރާނެކަމަށް ފެނިއްޖެނަމަ، ޖެމިނައި އިން ކުރިއެކޭ އެއްގޮތަށް އާންމު އުސޫލުންވެސް ޖަވާބު ދޭނެކަމަށްވެސް ގޫގުލްއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!