ލޯބީގެ ގުޅުމެއް ބާއްވާތީ ކަމަށްބުނެ، އިންޑިއާގެ އަންދުރާ ޕުރަދޭޝްގެ އަނަންތަޕުރުގައި، 55 އަހަރުގެ ބައްޕައަކު އޭނާގެ 20 އަހަރުގެ ދަރިފުޅު މަރާލައިފިއެވެ. އަދި އެކުއްޖާ މަރާލުމަށްފަހު ހަށިގަނޑު އަންދާލާފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އެންޑީޓީވީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މާޗް 1 ވަނަ ދުވަހުގެ މެންދުރު 1:00 ގައި ކަސަޕުރަމް ރަށުގެ އެކަހެރި ސަރަހައްދެއްގައި އޭނާގެ ދަރިފުޅު ގަހެއްގައި އެލުވައި މަރާލުމަށްފަހު ހަށިގަނޑަށް ޕެޓްރޯލް އަޅައި އަލިފާން ރޯކޮށް އަންދާލުމަށް މަސައްކަތްކޮށްފައިވެއެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން މައިންބަފައިންގެ ބަސް އަޑުނާހާ، އަންހެންކުއްޖާ ބޮއިފްރެންޑާއެކު ވަރަށް ގާތްކަން ބާއްވަމުން ދިޔައެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ އިންޒާރުވެސް ދީފައިވެއެވެ. އަދި މަންމައާ ވާހަކަދައްކަން ވެސް ބޭނުންނުވެއެވެ. އޭނާގެ ނުކިޔަމަންތެރިކަމާ ހިތްހަމަނުޖެހި، ބައްޕަ އޭނާ މާޗް 1 ވަނަ ދުވަހު ކަސަޕުރަމްއަށް ގެންގޮސް ދަންޖެއްސީ ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވެއެވެ.
މިލޯބީގެ ގުޅުމަށް ފަސް އަހަރު ވެފައިވާއިރު، އަންހެން ކުއްޖާގެ އާއިލާގެ އިތުރުން ފިރިހެން ކުއްޖާގެ މައިންބަފައިން ވެސް މި ގުޅުމަށް އިންކާރުކުރިއެވެ.
މިހާދިސާ ހިނގިއިރު އަންހެންކުއްޖާ ކުރުނޫލްގައި ޑިގްރީގެ ދެވަނަ އަހަރު ކިޔަވަމުން ދިޔައިރު، އޭނާގެ ބޮއިފްރެންޑް ހައިދަރަބާދުގައި ޑިގްރީ ހާސިލްކުރަމުން ދިޔައެވެ.
އިންޑިއާއަކީ ނިސްބަތުން މިފަދަ ހާދިސާތައް ގިނަ ޤައުމެކެވެ. އިންޑިއާގައި 'އޮނަރ ކިލިންގ' ނުވަތަ 'އިއްޒަތް ދިފާޢުކުރުމަށް' ހިންގާ މަރުގެ ހާދިސާތައް އަދިވެސް ކަންބޮޑުވާ މިންވަރަށް ރިޕޯޓްކުރެވެމުންދެއެވެ. ޚާއްޞަކޮށް ރަށްފުށުގެ ސަރަހައްދުތަކުގައި، ޅަފުރައިގެ ކުދިން އަމިއްލައަށް ލޯބީގެ ގުޅުން ޤާއިމްކުރުމަކީ ޢާއިލާގެ އިއްޒަތަށް އުނިކަން އަންނަ ކަމެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ. މި ހާދިސާއަކީވެސް އެފަދަ 'އޮނަރ ކިލިންގ' ގެ ހިތާމަވެރި މިސާލެކެވެ.
އިންޑިއާ ސަރުކާރުން މިފަދަ ހާދިސާތައް ހުއްޓުވުމަށް އެތައް ޤާނޫނީ ފިޔަވަޅުތަކެއް އަޅަމުން ދިޔަނަމަވެސް، ސަޤާފީ އަދި އިޖްތިމާޢީ ގޮތުން އާދަވެފައިވާ މި ފަދަ މައްސަލަ ހައްލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!