ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި 9 މީހުން މަރުވެ އެތައްބަޔަކަށް އަނިޔާވެއްޖެ
ޕާކިސްތާނުގެ ޚައިބަރ ޕަޚްތުންޚްވާ ސަރަހައްދުގައި ހުރި މިލިޓަރީ ބޭސްއަކަށް އަމާޒުކޮށް އަންގާރަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއެއްގައި، މަދުވެގެން 9 މީހުން މަރުވެ 35 މީހުންނަށް އަނިޔާވެއްޖެއެވެ. މި ހަމަލާ ދިނީ ރަމަޟާން މަހުގެ އިފްތާރު ވަގުތު ފަހުންނެވެ.
އެސޯސިއޭޓެޑް ޕްރެސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މިހަމަލާގައި ދެ ބޮން ގޮއްވާލައިފައިވާއިރު، އެ ހަމަލާ ދޭން އައި ބަޔަކު މިލިޓަރީ ބޭސްއަށް ވަދެ، ސެކިއުރިޓީ ބާރުތަކާ ހަމައަށް ވަނީ ގޮސްފައެވެ. މި ހަމަލާގައި ބައިވެރިވި މީހުންނާއި ސެކިއުރިޓީ ބާރުތަކާ ދެމެދު ހަމަލާ ބަދަލުކުރި ކަމަށްވެސް އެރިޕޯޓްގައި ބުނެފައިވެއެވެ.
މި ހަމަލާ ދިން ކަމަށް ބެލެވެނީ ޖައިޝް އުލް ފުރްސާން ނަމަކަށް ކިޔާ ޓެރަރިސްޓް ގްރޫޕަކުންނެވެ. މި ގްރޫޕަކީ ފަހަކަށް އައިސް ޓެހްރީކް-އެ-ޓަލިބާން ޕާކިސްތާން (ޓީޓީޕީ) އާ ގުޅިފައިވާ ގްރޫޕެކެވެ.
ސޯޝަލް މީޑިއާގައި ފެތުރިފައިވާ މަންޒަރުތަކުގައި، ބޮންތައް ގޮވުމާ ގުޅިގެން އުފެދުނު ބޯ ދުންތަކެއް މައްޗަށް އަރާފައިވާ ތަން ފެނުނެވެ. އަދި ބަޑި ޖަހާ އަޑުތައްވެސް އިވުނެވެ.
މި ހަމަލާގައި ބޭނުން ކޮށްފައިވަނީ ދެ ކާރު ބޮން ކަމަށާއި، އަދި 5-6 ޓެރަރިސްޓުން ހަމަލާގައި ބައިވެރިވެފައިވާ ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.
މީގެ ކުރިން، ފެބްރުއަރީ 28 ވަނަ ދުވަހު، ހަމަ މި ސަރަހައްދުގައި ހުރި ދީނީ މަދަރުސާއެއްގައި ހުކުރު ނަމާދު ކުރަމުންދަނިކޮށް، މިފަދަ ބޮމުގެ ހަމަލާއެއް ދީފައިވެއެވެ. އެހަމަލާގައި ދީނީ އިލްމްވެރިޔަކާ އިތުރު 4 މީހުން މަރުވެ 20 އަކަށް މީހުންނަށް އަނިޔާވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!