މިއީ ނުފޫޒެއް ނުފޯރުވައި ގެދޮރު ލިބޭނެ މީހުންގެ ލިސްޓެއް ނުކުތް ފުރަތަމަ ފަހަރުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

މާލޭގެ ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، މިހާރު ނިމެމުންދާ 4000 ފްލެޓް ލިބޭ މީހުންގެ ލިސް އިޢުލާނުކުރެވިފައިވާކަން ވަނީ ފާހަގަކުރަށްވާފައެވެ.

Ad
rt

މިގޮތުން އެ ލިސްޓް ނެރެވުނީ، މިދިޔަ ސަރުކާރުން އިޢުލާނުކުރި ލިސްޓުގައި ހުރި އެކިއެކި މައްސަލަތައް ބަލައި، އޭ.ސީ.ސީ.އިން ފާހަގަކޮށްފައި ހުރި ކަންކަން ބަލައި، އެ ސަރުކާރުން އިޢުލާނުކުރި ޝަރުޠުތަކަށް ޕޮއިންޓް ދޭނެ އުޞޫލާއި، މި ހުރިހާ ކަމަކަށް ބެލުމަށްފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

''އަޅުގަނޑު ވަޢުދުވިން، އެ މީހަކަށް، އެ ރައްޔިތަކަށް ލިބިފައ އޮތް ގޯއްޗެއް، ފްލެޓެއް އަތުނުލާނެ ކަމަށް. އެ ވަޢުދުގެ މަތީގައި އެ ދުވަހުވެސް، މިއަދުވެސް އަދި މާދަންވެސް އަޅުގަނޑު ހުންނާނީ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވީ، ލިސްޓު ނުކުތްއިރުގައި، ކުރީ ސަރުކާރުން ނެރުނު ލިސްޓުން ބަޔަކު މަދުވެފައިވާ ކަމަށާއި، އެފަދަ މީހަކު އުނިވި ނުވަތަ ފްލެޓް ނުލިބޭ ސަބަބުތަކުގެ މައުލޫމާތު އެ ލިސްޓު އިޢުލާނުކުރިއިރު ހިމެނިފައިވާނެ ކަމަށެވެ.

''އަޅުގަނޑު ހަމަ ޔަޤީންކަމާއެކީ އިރާދަކުރެއްވިއްޔާ ދޭ ޔަޤީންކަމެއް މިއީ، އެންމެ ބޮޑު ޔަޤީންކަމަކީ، މި ލިސްޓު ހެދުމުގައި ޒައްރެއްގެ މިންވަރުގެ ނުފޫޒެއްވެސް ފޯރުވާފައި، އެއްވެސް ފަރާތަކުން ނުވާނެކަން.'' ރައީސް ވިދާޅުވިއެވެ.

''މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް. މިއީ ރާއްޖޭގައި އަޅުގަނޑު ހިތުން އަޅުގަނޑަށް ހަމަ ޔަޤީނުންވެސް ގެދޮރުވެރިކަމުގެ ދާއިރާގެ އެކި ކަންތައްތަކުގެ މަޢުލޫމާތު އެނގެން ފެށި ހިސާބުން އަދި އެކިއެކި ހައިސިއްޔަތުތަކުން އެންމެ ޖޫނިއަރ ލެވެލްއިން ފެށިގެން ސަރުކާރުގެ މި ކަމާބެހޭ ދާއިރާގައި އުޅެން ފެށި ހިސާބުން ބެއްޔަސް، ނުފޫޒެއް ނުފޯރުވައި، ހައުސިންގ، ގެދޮރު ލިބޭނެ މީހުންގެ ލިސްޓެއް ނުކުތް ފުރަތަމަ ފަހަރު. ނުފޫޒެއް ނޯންނާނެ މި ލިސްޓަކު. އެހެންވީމާ، އެ ޔަޤީންކަން އަޅުގަނޑު ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް، މި ލިސްޓާ ގުޅިފައިވާ ރައްޔިތުންނަށް ދެން.'' ރައީސް އިތުރަށް ވިދާޅުވެފަވެއެވެ.

އެކި ސަބަބުތަކާ ހެދި ލިސްޓަށްނޭރި ރައްޔިތުންނަށް، އެއްވެސް ސަބަބަކާހުރެ ލިސްޓުގައި ނުހިމެނިވާނަމަ އެކަން އޮޅުންފިލުއްވުމަށް، ނޫނީ ޝަކުވާއެއްވިޔަސް، މައްސަލައެއް ގޮތުގައިވިޔަސް ހުށަހެޅުމުގެ 30 ދުވަހުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާކަން ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރަމަޟާން މަސް ނިމެންދެން އެ ފުރުޞަތު އޮންނާނެކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ކަމާބެހޭ ވުޒާރާއިން އެކަން އިވެލުއޭޓް ކުރުމުގެ ތެރެއިން އެއްވެސް ކަމެއް އުނިވެފައިވާނަމަ، ނުވަތަ ބެލުމުގައި ކިރިޔާވެސް ކަމެއް ނުބެލިވާ ކަމަށް ގަބޫލުކުރެއްވޭނަމަ، މައްސަލަ ހުށަހެޅުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ، ގަސްދުގައި އެއްވެސް މީހަކު ލިސްޓަކުން އުނިކޮށްފައެއް ނުވާނެ ކަމަށާއި، މި ސަރުކާރަކީ ދިވެހި ހުރިހާ ރައްޔިތުންނަށް، އެ ރައްޔިތެއްގެ ޙައްޤުތައް އަދި އޭގެއިތުރަށްވެސް ކަންކަން ފުރިހަމަކޮށްދިނުމުގައި އިންތިހާއަށް ޝައުޤުވެރިކަން ހުރި، ލޯތްބާއި ކުލުނާއެކު ހަމަހަމަކަމާއި، އިންޞާފުވެރިކަމާއި ޢަދުލުވެރިކަމާ އެކީގައި ކޮންމެ ރައްޔިތަކަށް ޚިދުމަތް ކުރަން އައި ސަރުކާރެއް ކަމަށެވެ.

''އެހެންވީމާ، މީހަކަށް ލިބިފައި އޮތް އެއްޗެއް އަދި އަމުދުން އަތުލާނެ ސަރުކާރެއް ނޫން. އެކަމުގެ ޝައުޤުވެރިކަން އޮތް ސަރުކާރެއް ނޫން. އެހެންވީމާ، ގަސްދުގައެއް ނޯންނާނެ، އެއްވެސް މީހަކު ލިސްޓުން އުނިކޮށްފައެއް. އަދި އަމުދުން ނުފޫޒެއް ފޯރުވާފައެއް ނޯންނާނެ.'' ރައީސް ތަކުރާރުކުރަށްވާފައެވެ.