މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗީފް އޮޕަރޭޓިންގ އޮފިސަރު (ސީއޯއޯ) ގެ މަޤާމަށް ވަން މީޑިއާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި އެޑިޓަރ ސިނާން އަލީ އައްޔަނުކޮށްފިއެވެ.
މި މަޤާމަށް ސިނާން އައްޔަނުކުރިތާ މިހާރު ވަނީ ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ވެފައެވެ.
ސިނާން މި މަޤާމަށް އައްޔަނުކުރުމުގެ ކުރިން ހުންނެވީ އެމްޓީސީސީގެ ބޯޑު މެންބަރެއްގެ ގޮތުގައެވެ. އޭނާ އެމްޓީސީސީގެ ބޯޑުގައި ހުންނެވީ 2019 ވަނަ އަހަރުން ފެށިގެން މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިއީ ސިނާން އެމްޓީސީސީގެ ބޯޑުގައި ހުންނެވި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 އިން 2016 އަށް ވެސް އެމްޓީސީސީގެ ބޯޑު މެންބަރުކަން ކުރައްވާފައެވެ.
ސިނާންގެ ތަޖުރިބާ ހަމައެކަނި އެމްޓީސީސީއާ ހަމައަށް ހުދޫދުވެފައެއް ނުވެއެވެ. އޭނާ ވަނީ 2016 އިން 2018 އަށް އައިލެންޑް އޭވިއޭޝަންގެ ބޯޑުގައި ވެސް މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޗެއާޕާސަންގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.
ސިނާން ޢަލީ އަކީ 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ބްރޯޑްކާސްޓިންގ އަދި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2008 އިން 2018 އަށް ސަން މީޑިއާ ގްރޫޕްގެ ސީއީއޯގެ މަޤާމުގައްޔާއި، 2005 އިން 2018 އަށް ޖޮބް މާކެޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރގެ މަޤާމުގައްޔާއި، އަދި 2005 އިން 2018 އަށް ގްލޯނެޓް ޕްރައިވެޓް ލިމިޓެޑުން ޝާއިޢުކުރާ ޔުނިވަރސިޓީ އެޑިއުކޭޝަން ގައިޑްގެ އެޑިޓަރގެ މަޤާމުގައި މަސައްކަތްކުރައްވާފައެވެ. 2016 އިން 2018 އަށް އޭނާ ވަނީ އައިލެންޑް އޭވިއޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ ގޮތުގައި ޚިދުމަތްކުރައްވާފައެވެ. އަދި ސިނާނަކީ އެކި ޕަބްލިކޭޝަންތަކުގައި ސީނިއަރ ކޮންޓްރިބިއުޓަރެއް، ލިޔުންތެރިއެއް އަދި ކޮލަމިސްޓެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.
ސިނާން އަކީ ރޯޔަލް އިންސްޓިޓިއުޓް އޮފް ޖަރނަލިޒަމް، ސިންގަޕޫރުގެ ސީނިއަރ ފެލޯ ޖަރނަލިސްޓެކެވެ. އަދި 2015 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއިން ޤައުމީ އިނާމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ސިނާން ވަނީ އެންޖެލާ ރަސްކިން ޔުނިވަރސިޓީ، ލަންޑަނުން މާސްޓަރ އޮފް ބިޒްނަސް މެނޭޖްމަންޓް (އެމްބީއޭ) ހާސިލުކުރައްވާފައެވެ. އަދި އޭޝިއަން ކޮލެޖް އޮފް ޖަރނަލިޒަމް، ޗެންނާއީ، އިންޑިއާއިން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން ޖަރނަލިޒަމް ހާސިލުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!