ސަރުކާރުގެ ފަރާތުން މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި ޚިދުމަތަކީ ތިމާވެއްޓާ ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލްތައް ބޭނުންކޮށްގެން ދޭ ޚިދުމަތެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Ad
rt

ތިމާވެއްޓާ ރައްޓެހި ޓެކްސީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ އެ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަމީމްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީއިން ތަޢާރަފްކުރާ ޓެކްސީ ޚިދުމަތަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު މާލެ ސަރަޙައްދުގެ ޓެކްސީ ޚިދުމަތަށް ވަރަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނެސްދޭނެ ޚިދުމަތެއް ކަމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަކަމާއި ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ކުރަންޖެހޭ މިފަދަ ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތް ހޯއްދަވައި ދެއްވުން ކަމަށެވެ. އަދި މިކަމަށްޓަކައކަމަށްޓަކައި ރައީސް މުޢިއްޒަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި އައު ޓެކްސީ ޚިދުމަތް ފެށޭނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.