ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވެ، ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލުން ލީޑު ދަމަހައްޓައިފިއެވެ. ރޭ ރެއާލުގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.

ކުޅުނު 23 މެޗުން 50 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނާގައި ރެއާލް އޮތްއިރު ދެވަނާގައި އެތުލެޓިކޯ މެޑްރިޑް އޮތީ 23 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނާގައި ބާސާއޮތީ 22 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ރަށުން ބޭރުގައި ބާސާ ނުކުންނާނީ ސެވިއްޔާއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބުކޮށްގެން ޕޮއިންޓް ތާވަލުގައި އެތުލެޓިކޯއާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކުރެވޭނެއެވެ.

Ad
rt

ރޭ މެޗު 1-1 އެއްވަރުވުމާއިއެކު ރެއާލާއި އެތުލެޓިކޯ އެންމެ ފަހުން ބައްދަލުކުރި ތިން މެޗު ވެސް މިވަނީ މި ނަތީޖާއިން އެއްވަރުވެފައެވެ. ލީގުގައި ސެޕްޓެމްބަރ މަހު މި ދެ ޓީމް ވާދަކުރި މެޗާއި، މިދިޔަ ސީޒަންގެ ފަހުބައިގައި ފެބްރުއަރީ މަހު މި ދެ ޓީމް ވާދަކުރި މެޗު ވެސް ވަނީ ހަމަ މި ނަތީޖާއިން އެއްވަރުވެފައެވެ.

ރޭ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ މާގިނަ ފުރުސަތެއް ނުހޯދުނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ އެތުލެޓިކޯއިންނެވެ. އޭރިއާތެރެއަށް ހުރަސްވީބޯޅަ ދިފާއުކުރުމަށް މަސައްކަތް ކުރުމުގެ ތެރޭ ރެއާލުގެ ޗުއަމެނީ އެތުލެޓިކޯގެ ލިނޯގެ ފައިމައްޗަށް އެރުމުން، ވީއޭއާރުން ބަލާފައި ރެފްރީވަނީ އެތުލެޓިކޯއަށް ޕެނަލްޓީއެއް ދީފައެވެ. މެޗުގެ 35 ވަނަ މިނެޓުގައި މި ޕެނަލްޓީ ކާމިޔާބުކޮށް އެތުލެޓިކޯއަށް ލީޑު ހޯދައިދިނީ ހޫލިއަން އަލްވަރޭޒްއެވެ.

ދެވަނަ ހާފުގައި ރެއާލުން ކުޅުން ރަނގަޅުކޮށް ހަމަލާތައް ގިނަކުރިއެވެ. މިގޮތުން ބެލިންހަމް ފޮނުވާލު ހަމަލާއެއް ހުރަސް ދަނޑީގައި ޖެހިފައި ނުކުތްއިރު، ރޮޑްރިގޯ ފޮނުވާލި ނުރައްކާތެރި ހަމަލާތައް މަތަކުރީ އެތުލެޓިކޯގެ ކީޕަރ އޮބްލެކް އެވެ. ދެވަނަ ހާފުގައި ވިނީސިއަސްގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނުނުއިރު އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާގެ ހުރަހަކަށް ވެސް ވީ އެތުލެޓިކޯގެ ކީޕަރެވެ.

މެޗުގެ 50 ވަނަ މިނެޓުގައި ރޮޑްރިގޯ އެތުލެޓިކޯގެ އޭރިއާތެރެއަށް ތިރިން ހުރަސްކުރިބޯޅަ ބެލިންހަމް ފޮނުވާލިވަގުތު އެތުލެޓިކޯގެ ޑިފެންސުން އެ ބޯޅަ ބޮލްކްކުރިއެވެ. އެ ވަގުތު ބޯޅަ ލިބުނީ އޭރިއާތެރޭ ހުސްކޮށްހުރި އެމްބާޕޭއަށެވެ. އޭނާ އެ ބޯޅަ ގޯލަށް ވައްދާލައި ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.