އާސެނަލްގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ނިއުކާސަލުން އިނގިރޭސި ލީގު ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު އާސެނަލްގެ އެމިރޭޓްސްގެ ދަނޑުގައި ކުޅުނުއިރު، އެ މެޗު ނިއުކާސަލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ. ދެވަނަ ލެގުގެ މެޗު ރޭ ނިއުކާސަލްގެ ދަނޑުގައި ކުޅުނުއިރު، ރޭ މެޗު ވެސް ނިއުކާސަލުން ވަނީ 2-0 ގެ ނަތީޖާއިން އާސެނަލްގެ މައްޗަށް ކުރި ހޯދާފައެވެ. ވުމާއިއެކު ނިއުކާސަލަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބިފައިވަނީ 4-0 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
ރޭ މެޗުގައި ނިއުކާސަލަށް ފުރަތަމަ ލަނޑު 19 ވަނަ މިނެޓުގައި މާފީ ޖަހައިދިންއިރު ދެވަނަ ލަނޑު 52 ވަނަ މިނެޓުގައި ޖަހައިދިނީ ގޯޑޮންއެވެ.
ނިއުކާސަލަށް އެންމެ ފަހުން ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައިވަނީ 1969 ވަނަ އަހަރުގެ އިންޓަރ ސިޓީސް ފެއާރސް ކަޕް އެވެ. 56 އަހަރު ފަހުން އަނެއްކާވެސް މުބާރާތެއް ކާމިޔާބު ކުރުމުގެ ފުރުސަތު އެ ޓީމަށް މިވަނީ ތަނަވަސް ވެފައެވެ.
މި މުބާރާތުގެ ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެނގިގެންދާނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ލިވަޕޫލް އާއި ޓޮޓްހަމް ކުޅޭ މެޗަށް ފަހުއެވެ. މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ޓޮޓެންހަމްގެ ދަނޑުގައެވެ. އެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ޓޮޓެންހަމުންނެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 01:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!