ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާއާއި ބެންފީކާ ބައްދަލުކުރި މެޗުން މޮޅުވެ މުބާރާތުގެ ގަދަ އަށް ޓީމުގެ ތެރެއިން ޖާގަ ޔަގީންކޮށް ގަދަ 16 ބުރުން ބާސެލޯނާ ޖާގަ ހޯދައިފިއެވެ.
ރޭ ޕޯޗުގަލްގެ ބެންފީކާގެ ދަނޑުގައި ކުޅުނު ވާދަވެރި ފޯރިގަދަ މެޗު ފަހުވަގުތު ލަނޑު ޖަހައިގެން ބާސާއިން ކާމިޔާބުކުރީ 5-4 ގެ ނަތިޖާއިންނެވެ.
މި މެޗުގައި ދެ ޓީމްގެ ކީޕަރުންގެ ފަރާތުން ބޮޑެތި ގޯސްތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބެންފީކާއިންނެވެ. އެ ޓީމްގެ އަލްވާރޯ ކަރެރާސްއަރާ ހުރަސްކުރި ބޯޅަ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދިނީ ޕަވްލިޑިސްއެވެ.
ބާސާއިން މެޗުގެ ނަތީޖާ ހަމަހަކުރި ލަނޑު 13 ވަނަ މިނެޓުގައި ޖަހައދިނީ ލެވަންޑޯސްކީއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ބެންފީކާގެ އޭރިއާތެރެއިން ބަލްޑޭއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.
ބެންފީކާއިން ދެވަނަ ފަހަރަށް ލީޑުނެގީ 22 ވަނަ މިނެޓުގައެވެ. ބާސާގެ ހާފުމެދުން އެ ޓީމްގެ ބަލްޑޭއަށް ލިބިފައި އިން ބޯޅައަކަށް އަރައި ބާސާގެ ކީޕަރު ކުޅެން އުޅުމުގެ ތެރޭ އެ ދެކުޅުންތެރިން ޖެހިފައި ވެއްޓުނުވަގުތު އެ ބޯޅަ ލިބުނީ ބެންފީކާގެ ޕަވްލިޑިސްއަށެވެ. އޭނާ ވަނީ ފަސޭހަކަމާއިއެކު އެ ބޯޅަ ގޯލަށް ވައްދާލާފައެވެ. މި ލަނޑުޖެހިމުގައި ބާސާގެ ކީޕަރު ޝެޒްނީގެ ފަރާތުން ވަނީ ބޮޑު ގޯހެއް ފެނިގެން ގޮސްފައެވެ.
ބެންފީކާއިން ލީޑު ފުޅާކުރީ 30 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން ޕަވްލިޑިސް ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ 30 މިނެޓްތެރޭ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މި ޕެނަލްޓީ ބެންފީކާއަށް ލިބިފައިވަނީ ވެސް ބާސާގެ ކީޕަރު ބެންފީކާގެ ކުޅުންތެރިއަކަށް އޭރިއާ ތެރެއިން ފައުލްކުރުމާއި ގުޅިގެންނެވެ.
ބާސާގެ ދެވަނަ ލަނޑު 64 ވަނަ މިނެޓުގައި ޖަހައިދިނީ ރަފީނިއާއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ބެންފީކާގެ ކީޕަރު ހެދު ބޮޑު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ބާސާއިން ދެވަނަ ލަނޑުޖެހިތާ ހަތަރު މިނެޓް ފަހުން ބާސާގެ އަރައުހޯ އަތުން ބައިކޮޅަށް ވަތް ގޯލާއިއެކު އަނެއްކާވެސް ބެންފީކާއަށް ދެ ލަނޑުގެ ލީޑެއް ލިބުނެވެ.
ބާސާގެ ތިންވަނަ ލަނޑު 78 ވަނަ މިނެޓުގައި ޖަހައިދިނީ ލެވަންޑޯސްކީއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޔަމާލްއަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއަކުންނެވެ. ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 88 ވަނަ މިނެޓުގައި އެރިކް ގާސިއާއެވެ. މެޗުން ބާސާ މޮޅުވީ އިތުރުވަގުތުގެ ފަހުވަގުތު ރަފީނިއާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މި ނަތީޖާއާއިއެކު ބާސެލޯނާއަށް ވަނީ މި މުބާރާތުގެ ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުން 18 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ހޯދާފަ އެވެ. ބެންފީކާއަށް ހަތް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 18 ވަނައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!