ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖު 2025" ގެ ހއ.އަތޮޅުގެ ބުރުގެ ސެމީ ފައިނަލުން ވަށަފަރާއި ކެލާ ޖާގަ ހޯދައިފިއެވެ.

ގްރޫޕް އޭގައި ރޭ ކެލާއާއި ހޯރަފުށި ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ހޯރަފުއްޓަށް ލަނޑުތައް ޖަހައިދިނީ ޔާނުއާއި އަލީ އިމްރާންއެވެ. ކެލާގެ ދެ ލަނޑު ވެސް ޖެހީ މަމްދޫހްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެސް އޭނާއެވެ.

Ad
rt

މި ގްރޫޕްގައި ރޭ ފިއްލަދޫއާއި ބާރަށް ބައްދަލުކުރި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ފިއްލަދޫއިންނެވެ. މެޗުގެ ފިއްލަދޫއަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު ހަސްން، އާދަމް ރިލްވާން، އިބްރާހީމް ފަޒީލްގެ އިތުރުން އާދަމް އިހްވާންއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިހުވާންއވެ. ރޭ މެޗުގައި ބާރަށަށް ލަނޑުތައް ޖަހައިދިނީ މިސްބާހް އަދި ޝަޒީމްއެވެ.

ރޭ ނަތީޖާތަކާއިއެކު ގްރޫޕް އޭއިން ކެލައަށް އަށް ވަނީ ތިން މެޗުން ލިބުނު 7 ޕޮއިންޓާއިއެކު ސެމީގެ ޖާގަ ޔަގީންވެފައެވެ. ދެވަނައިގައި މާރަންދޫ ތިން މެޗުން ހަ ޕޮއިންޓާއެކު އޮތް އިރު، އެ ގްރޫޕްގައި ދެން ބާކީ އޮތީ ދެމެޗެވެ. އެއީ މާރަންދުއާއި ފިއްލަދޫ ވާދަކުރާ މެޗުގެ އިތުރުން ބާރަށާއި ކެލާ ވާދަކުރާ މެޗެވެ.

މާރަންދުއާއި ފިއްލަދުއަށް އަމިއްލަ ބާރުގައި ސެމީގެ ފުރުސަތު އޮތް އިރު، އެ ދެޓީމު ކުޅޭ މެޗަކީ ނަތީޖާ ކަނޑައަޅާ މެޗެވެ. އެމެޗު އެއްވަރު ވެއްޖެނަމަ ކެލައާއެކު ސެމީއަށް ދާނީ މާރަންދުއެވެ. ފިއްލަދޫ ސެމީއަށް ދާނީ މޮޅުވެގެންނެވެ. ބާރަށާއި ހޯރަފުށި ވަނީ މުބާރާތުން ކަޓާފައެވެ.

ރޭ ގްރޫޕް ބީގައި އުތީމުން ވަނީ 5-0 ގެ ތަފާތ ބޮޑު ނަތީޖާއިން މުރައިދޫ ބަލިކޮށްފައެވެ. މެޗުގައި މުހައްމަދު ސާމިލް ދެ ލަނޑު ޖެހިއިރު އަނެއް ތިން ލަނޑު ޖެހީ މުހައްމަދު އައިލަމްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެސް އޭނާއެވެ.

މި ގްރޫޕްގައި ރޭ ދިއްދޫއިން ވަނީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއިން އިހަވަންދޫ ބަލިކޮށްފައެވެ. ދިއްދޫއަށް ލަނޑުތައް ޖަހައިދިނީ ހައިޝަމް، ފާއިގް، ޝިފާހްގެ އިތުރުން ޝަނާއުއެވެ. ޝިފާހްއާއި ޝަނާއު ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޝިފާހުއެވެ. އިހަވަންދޫގެ ހަމައެކަނި ލަނޑު ޖެހީ ހޫދުއެވެ.

ގްރޫޕް ބީގެ އެއްވަނައިގައި މިވަގުތު ވަށަފަރު އޮތީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ދިއްދޫން ދެވަނައިގައި ތިން މެޗުން ހަ ޕޮއިންޓާއެކު އޮތް އިރު، އެޓީމަށް އޮތީ އެންމެފަހު މެޗުގައި އުތީމު ކައިރިން ބަލި ނުވެ ސަލާމަތްވުމެވެ. އުތީމުން ރޭ ހޯދި މޮޅާއެކު ތިން މެޗުން ފަސް ޕޮއިންޓާއެކު ތިންވަނައިގައި އޮތް ނަމަވެސް، ފަހު މެޗުގައި ދިއްދޫ ބަލިކޮށްގެން ސެމީން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ހަތަރުވަނައިގައި އޮތް މުރައިދޫގެ އިތުރުން އިހަވަންދޫ އޮތީ މިހާރު ކަޓައިފައެވެ. އިހަވަންދުއަށް ދެން އޮތް މެޗަކީ ވަށަފަރާ ދެކޮޅަށް އޮތް މެޗެވެ.