މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުމުގެ މަސައްކަތް ފެށުމުގެ މަޝްވަރާތައް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ފަށައިފިއެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު 17/2011 ގެ ދަށުން އުފެދިފައިވާ އެންޑީއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދީ، އެމީހުން ރަނގަޅުކޮށް، އަނބުރާ މުޖުތަމަޢަށް ގެނައުމަށް މަސައްކަތްކުރުން ހިމެނިފަވެއެވެ.

Ad
rt

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުމުގެ މަސައްކަތް ފެށުމުގެ މަޝްވަރާތައް އެންޑީއޭއިން ފުރަތަމަ ފަށާފައި ވަނީ އެލައިޑް އިންޝުއަރެންސް އާއިއެކުގައެވެ.

މި މަޝްވަރާތައް ފަށާފައިވާކަން ހާމަކުރަށްވަމުން އެ އެޖެންސީގެ ބޯޑުގެ ޗެއާޕާސަން، ދާޚިލީ ވުޒާރާގެ ސްޓޭޓް ވަޒީރު ލުބްނާ މުހައްމަދު ޒާހިރު ވިދާޅުވީ، މި މަޝްވަރާގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަސްތުވަތަކެތީ ވަބާގައި ޖެހިފައި ތިބޭ މީހުންނަށް ފަރުވާދޭ ކައުންސިލަރުން ބިނާކުރުން ކަމަށެވެ.

އޮންލައިންކޮށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މި ޕްރޮގްރާމުގެ ބައެއް ބައިތައް ކްލާސްތަކަށް ހާޒިރުވެ ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާގުޅޭ ބޭރުގެ އިދާރާތަކާ ގުޅިގެން، އެކިއެކި ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގުމާއި، މަޢުލޫމާތު ޙިއްޞާކުރުމާއި، އެމީހުންގެ މަޢުލޫމާތާއި ތަޖުރިބާއިން ދިވެހިރާއްޖެއަށް ފައިދާއާއި މަންފާއާއި އެހީ ހޯދުމަށް މަސައްކަތްކުރުމަކީ ވެސް ޤާނޫނުން އެންޑީއޭ އާއި މަތިކޮށްފައިވާ ޒިންމާއެކެވެ.