މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކަކަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤެއް ހިންގަމުން އަންނަކަން މިއަދު ހާމަކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ނޫސްވެރިޔަކު ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި ސުވާލަކާއި ގުޅިގެން ފުލުހުން ބުނީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެ މައްސަލައިގެ ތަހުގީގު މިދިޔަ އަހަރުގެ އޯގަސްޓް 19 ވަނަ ދުވަހުން ފެށިގެން އަންނަނީ ކުރިއަށް ގެންދަމުންނެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބަލަމުން ދަނީ ކަސްޓަމްސް އޮފިސަރުންތަކެއްގެ އެކައުންޓުން 400 މިލިއަން ރުފިޔާ ދައުރުކުރި ކަމަށް ކުރެވޭ ތުހުމަތުގެ މައްސަލައެކެވެ.
މި މައްސަލާގައި ތުހުމަތުވާ މުވައްޒަފުން ޒިންމާއިން އެކަހެރިކުރެވިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!