އެމެރިކާގެ ކެލިފޯނިއާގެ ދެކުނުގައި ހުރި ވިޔަފާރި އިމާރާތެއްގެ ފުރާޅުގައި ޖެހި ކުޑަ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއެއްގައި 2 މީހުން މަރުވެ 18 މީހުން ޒަޚަމްވެއްޖެއެވެ.

ފުލަރޓަން ޕޮލިސްގެ ތަރުޖަމާނު ކްރިސްޓީ ވެލްސް ވިދާޅުވި ގޮތުގައި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އެތާންގެ ގަޑިން މެންދުރުފަހު 2:09 ގައެވެ. ހާދިސާ ހިނގާފައިވަނީ އޮރެންޖް ކައުންޓީގެ ފުލަރޓަން ސިޓީގައި ބުރާސްފަތި ދުވަހުއެވެ.

Ad
rt

ހާދިސާ ހިނގި ތަނަށް ފުލުހުންނާއި ފަޔަރ ސަރވިސްގެ އޮފިސަރުން އަވަހަށް އައިސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައި، ކައިރީގައި ހުރި ވިޔަފާރިގެ ތަކުން މީހުން ސަލާމަތްކުރިއެވެ. އަލިފާނުގެ ސަބަބުން ގުދަނަށް ގެއްލުން ލިބުނުކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ހާދިސާގައި 10 މީހުން ހޮސްޕިޓަލަށް ގެންދެވުނުއިރު، 8 މީހަކަށްވަނީ ހާދިސާ ހިނގި ތަނުގައި ފަރުވާދީ ދޫކޮށްލައިފައެވެ.

އެ މަތިންދާބޯޓަކީ ކޮން ބާވަތެއްގެ އުޅަނދެއްކަން އަދި ޒަޚަމްވި މީހުންނަކީ މަތިންދާބޯޓުގައި ތިބި މީހުންތޯ ނުވަތަ ވެއްޓނު ސަރަހައްދުގައި ތިބި މީހުންތޯ އަދި ކަށަވަރެއް ނުވެއެވެ.

ފްލައިޓް ޓްރެކިންގ ވެބްސައިޓް ފްލައިޓްއެވެއަރއިން ދައްކާ ގޮތުގައި މި މަތިންދާބޯޓަކީ 4 މީހުންގެ ޖާގައިގެ، އުޅަނދެކެވެ. މި އުޅަނދު ވެއްޓިފައިވަނީ އުދުއްސާލިތާ މިނެޓެއްގެ ތެރޭގައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި މަތިންދާބޯޓު އިމާރާތުގައި ޖެހުމުން ގޮވާމަންޒަރު ފެނެއެވެ.

މިހާދިސާ ހިނގަން މެދުވެރި ސަބަބު ހޯދުމަށް ފުލުހުން ދަނީ ތަހްޤީޤު ކުރަމުން ކަމަށް އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.