އިޓަލީގެ އުތުރުގައި އޮންނަ މަޝްހޫރު ސިޓީ އެއްކަމުގައިވާ މިލާނުގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފިއެވެ. މިއީ މި ސިޓީގެ ވައި ސާފުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެޅި އެންމެ ފަހުގެ ފިޔަވަޅެވެ.

މި އައު ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް 40 އާއި 240 ޔޫރޯ (41 އާއި 249 ޑޮލަރު) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ނަމަވެސް މި ފިޔަވަޅާ މެދު އެސިޓީގެ ބައެއް ރައްޔިތުން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

Ad
rt

"އަޅުގަނޑަށް ހީވަނީ މިއީ މާ ހަރުކަށި ފިޔަވަޅެއްހެން. އިމާރާތްތަކުގެ އެތެރޭގައި ސިނގިރޭޓް ބުއިން މަނާކުރުމާ އަޅުގަނޑު އެއްބަސްވަން. އެއީ އެހެން މީހުންނަށް އުނދަގޫވެ، ސިއްހަތަށް ގެއްލުންވާތީ. އެކަމަކު ހުޅުވިފައިވާ ތަންތަނުގައި ސިނގިރެޓް ބުއިން މަނާކުރަން ޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ،"

21 އަހަރުގެ ޒުވާނަކު އޭ.އެފް.ޕީއަށް ބުންޏެވެ.

މިލާނު ސިޓީ ކައުންސިލުން 2020 ވަނަ އަހަރު ފާސްކުރި ވައި ސާފުކުރުމުގެ ޤާނޫނުގައި ސިނގިރެޓް ބުއިން މަނާކުރުމުގެ ފިޔަވަޅުތައް ހަރުދަނާކުރަމުން ގެންދިއުމަށް ބަޔާންކޮށްފައިވެއެވެ. 2021 ވަނަ އަހަރުން ފެށިގެން ޕާކުތަކާއި ކުޅޭ ބިންތަކުގައާއި، ބަސް މަޑުކުރާ ތަންތަނާއި ކުޅިވަރު ކުޅޭ ތަންތަނުގައި ސިނގިރެޓް ބުއިން މަނާކުރެވުނެވެ.

ޖެނުއަރީ 1 އިން ފެށިގެން މި ޤާނޫނަށް އަމަލުކުރަން ފެށި އިރު އެސިޓީގެ އިސްވެރިން ބުނާ ގޮތުގައި މި ފިޔަވަޅުގެ މަޤްޞަދަކީ "ވައިގައި އެކުލެވޭ ނުރައްކާތެރި މާއްދާތައް މަދުކޮށް، ސިޓީގެ ވައި ސާފުކުރުމާއި، ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމެވެ. މީގެ ތެރޭގައި ކުޑަކުދިންވެސް ދަތުރުކުރާ އާންމު ތަންތަނުގައި ޕެސިވް ސްމޯކިންގ އިން ރައްކާތެރިވުން ހިމެނޭ ކަމަށް ބަޔާނެއްގައި ބުނެފައިވެއެވެ.

މި ސިޓީއަކީ އިޓަލީގެ އެންމެ މަޝްހޫރު އަދި އާބާދީ ބޮޑު ސިޓީތަކުގެ ތެރެއިން އެއް ސިޓީ ކަމަށްވެފައި، ވައި ތަޣައްޔަރުވުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ސިޓީއެކެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ސިނގިރެޓް ބޯ މީހުންނަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެވުނު ނަމަވެސް، ގިނަ ރައްޔިތުން މި ފިޔަވަޅުތަކަށް ތާއީދުކުރާ ކަމަށް ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ސިނގިރެޓް ނުބޯ މީހުންނާއި ކުޅިވަރުކުޅޭ މީހުން މިކަމަށް ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށް ފެނެއެވެ.