ސީރިއާގެ ކުރީގެ ރައީސް ބަޝާރު އަލްއަސަދުގެ އަނބިކަނބަލުން އަސްމާ އަލްއަސަދުގެ އިނގިރޭސިވިލާތުގެ ޕާސްޕޯޓު މުއްދަތު ހަމަވުމާ ގުޅިގެން، އެ ގައުމަށް ދަތުރުކުރުމަށް ހުރަސްއެޅިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ސަންޑޭ ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަސްމާ އަލްއަސަދުގެ އިނގިރޭސިވިލާތުގެ ޕާސްޕޯޓު މުއްދަތު ހަމަވެފައިވާތީ، އޭނާގެ އުފަން ރަށް ލަންޑަނަށް ދިއުމަށް މިހާރު ހުރަސްއެޅިފައިވެއެވެ. މި މަހުގެ ކުރީކޮޅު ރަޝިއާއިން ވަނީ އަލްއަސަދު އާއިލާއަށް އެ ގައުމުގައި ހިމާޔަތް ދީފައިވާ ކަމަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ އާއިލާ މިހާރު ހުރި ތަނެއް ސާފުކޮށް އެނގިފައެއް ނުވެއެވެ.
އިތުރަށް ރިޕޯޓުކޮށްފައިވާ ގޮތުގައި، އަސްމާ އަލްއަސަދަށް ވަނީ ލިއުކީމިއާގެ ބަލި ޖެހިފައެވެ. އަދި އޭނާ ދިރިހުރުމުގެ ފުރުސަތު އޮތީ 50-50 އަށް ކަމަށްވެސް ބުނެފައިވެއެވެ.
"އޭނާގެ ޕާސްޕޯޓާ ބެހޭ މަޢުލޫމާތު ހާމަވެފައިވަނީ، އޭނާގެ ބައްޕަ، ފަވާޒް އަޚްރަސް، ލަންޑަނުގެ ހާލީ ސްޓްރީޓުގައި ހުންނަ ކްލިނިކެއްގައި އަދާކުރަމުން އައި ވަޒީފާ ދޫކޮށްލުމާ އެކުގައެވެ. އޭނާ ވަޒީފާ ދޫކޮށްލީ މޮސްކޯގައި ހުރި އޭނާގެ ދަރިފުޅަށް ފުރިހަމަ ވަގުތު ދިނުމަށް ކަމަށް ބެލެވެއެވެ،" ރިޕޯޓުގައި ބުނެފައިވެއެވެ.
އަސްމާގެ ޕާސްޕޯޓު 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މުއްދަތު ހަމަވިއިރު، ސަރުކާރުން ގަސްދުގައި އައު ކޮށްނުދިނީތޯ ނުވަތަ އަސްމާ އަމިއްލައަށް އައުކުރަން ނޭދުނީތޯ ސާފެއް ނުވެއެވެ.
ނަމަވެސް، ސަރުކާރުގެ މަސްދަރުތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އަސްމާ އަލްއަސަދު އަތުގައި މިހާރު ޞައްޙަ އިނގިރޭސިވިލާތުގެ ދަތުރުފަތުރުގެ ލިޔުމެއް ނެތެވެ. އަދި ހޯމް ސެކްރެޓަރީ އިވެޓް ކޫޕަރ ވަނީ ބަލިހާލު ހުރި ނަމަވެސް އަސްމާ އަލްއަސަދަށް އިނގިރޭސިވިލާތަށް ވަނުމުގެ ހުއްދަ ނުދޭނެ ކަމަށް ސާފުކޮށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!